ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޓަމެޓިކް 25 ވެދާ ނިޒާމު ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިންް ބުނެފި އެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ މާދަމާ އަކީ ދުނިޔޭގެ މޫސުމާބެހޭ ދުވަހަށްވެފައި ރާއްޖޭގައި ވެދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

އޮޓަމެޓިކް ވެދާ ސްޓޭޝަނަކީ މީހުންގެ މަސައްކަތަކާ ނުލައި މޫސުމީ ތަފާސްހިސާބުތައް އެއްކުރާ ނިޒާމަކަށްވެފައި އެ ނިޒާމުގައި އެކުލެވެނީ މޫސުމާބެހޭ މައުލޫމާތުތައް ނަގާ "މީޓިރިއޮލޮޖިކަލް ސެންސާއަކާއި މައުލޫމާތު ރައްކާ ކުރާ "ޑޭޓާ ލޮގާ" އަކާއި ރިޗާޖް ކުރެވޭ ބެޓެރީއަކާއި ސޯލާ ޕެނަލް އެކެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ސޯލާ ޕެނަލްގެ ބަދަލުގައި ވިންޑް ޓާބައިން ވެސް ބޭނުންކުރެވޭއިރު ދަނޑިއެއްގައި ހަރުކުރާ އެ ނިޒާމަކީ ވަޔާއި އަވިން ގެއްލުން ނުލިބޭ ގޮތަށް ބަންދުކޮށްފައި ހުންނަ ނިޒާމެކެވެ. އަދި އެއްކުރާ މައުލޫމާތު ވަގުތުން ވަގުތަށް ފޮނުވާނީ އެގްރޯސް ސިސްޓަމް ނުވަތަ މުއާސަލާތީ ނެޓްވޯކްގެ ތެރެއިންނެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ "އެންހޭންސިން ވެދާ އެންޑް ކްލައިމެޓް މޮނިޓަރިން އެންޑް ޑޭޓާ މެނޭޖްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ފޯ ރެޑިއުސިން ވަލްނަރަބަލިޓީ އޮފް ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" މަޝްރޫއެއްގެ ތެރެއިންނެވެ.

މޫސުމާ ބެހޭ އިދާރާގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރާ އެހެން މަސައްކަތެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކޮށްފައި ވަނީ 53 ކިލޯވޮޓްގެ ބެކަޕް ޕަވާ ނިޒާމެއް ޤާއިމުކުރުމެވެ. އެ ނިޒާމުގެ ބޭނުމަކީ މޫސުމާބެހޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.