ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވަތަކެތި ޓްރެފިކް ކުރަން އުޅުނިކޮށް އަތުލައި ގަތް އީރާނުގެ މަސް ބޯޓު ބަލައި ފާސްކުރުމުގެ ކަންކަން އަދި ވެސް ނުނިމޭ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ހަފްތާއެއް ކުރިން މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ މި ބޯޓު އަތުލައިގަތީ ބ.އަތޮޅުގެ ހުޅަނގުން 126 މޭލު ބޭރުން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައެވެ. އަތުލައިގަތް ބޯޓް ތަހުގީގު ކުރުމަށް ފުލުހުންނާއި ހަވާލުކުރީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

އީރާނުގެ ބޯޓުން ހައްޔަރުކުރި 7 މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ.

ބޯޓު މާލެ ގެންނަނިކޮށް ވިލިގިނލީ ފަރަށް އެރިއެވެ. ނަމަވެސް މިހާރު ބޯޓު ވަނީ ފުންކޮށްފައެވެ. ބޯޓު މިހާރު އޮތް ތަނުގެ މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ބޯޓު މާލެ ކައިރިއަށް ގެނައި ދުވަހު ފަރަށް އެރުމުން ފުލުހުން ވަނީ ބޯޓު ފާސް ކުރުމުގެ މަސައްކަތް އެދުވަހު ފަށާފައެވެ. އެދުވަހުން ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. ފުލުހުން ވިދާޅުވެފައި ވަނީ އަދިވެސް އެބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭތީ އިތުރަށް ފާސްކުރަމުންދާ ކަމަށެވެ.

މިމައްސަލަ އާއި ގުޅޭ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެ ކުރިން ވެސް އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އީރާނުގެ ބޯޓުފަހަރު ތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    އަދިވެސް.... 30 އަހަރުބޭނުން ވާނެތަ؟

  2. ލިލއަން♥️

    ތިޔަ ނިމޭއިރު މަސްތުވާ ތަކެއްޗަށް ވާގޮތެއް ނޭންގޭނެ