އައްޑޫ ސިޓީ ހިތަދޫގައި ސިޓީގައި މިހާރު ހަލުވި ދުވެލީގައި ކުރިޔަށްގެންދާ ތަރައްޤީގެ އެންމެ މުޙިންމު ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ހިތަދޫ ސިޓީ ސްކެއާގެ މަޝްރޫއަށް، ގިނަ އަދަދެއްގެ ރުއްގަސް ކަނޑާލި މައްސަލަ ހޫނުވެފައި ވަނިކޮށް އައްޑޫ ސިޓީ ކައުންސިލުން އޭގެ ބަދަލުގައި ކުދި ރުއްތަކެއް އިންދައިފިއެވެ.

މިއަދު ހަވީރު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ޕްރޮގްރާމެއްގެ ދަށުން މި ރުއްތައް އިންދާފައިވަނީ ހިތަދޫ މާކިޅި ސަރަޙައްދުގައެވެ. ސިޓީ ސްކެއާ އިން ނެގި 26 ރުކުގެ ބަދަލުގައި ކައުންސިލުން މިއަދު ވަނީ މާކިޅި ސަރަޙައްދުގައި 52 ރުއް އިންދާފައެވެ. މި ޕްރޮގްރާމުގައި އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގާއި ޑެޕިއުޓީ މޭޔރަ މުހައްމަދު ޔަސްރިފްގެ އިތުރުން ކައުންސިލަރުންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ސިޓީ ސްކެއާ އިން ނެގި ރުއްތަކުގެ ބަދަލުގައި ކައުންސިލުން ހިތަދޫގައި ރުއް އިންދުމަށް ބޭއްވި ޕްރޮގްރާމު - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިދިޔަ ހަފްތާގެ ތެރޭގައި ސިޓީ ސްކެއާ ތަރައްޤީ ކުރާ ސަރަޙައްދުން ނަގާފައި ވަނީ ފޯދިފައިވާ ބޮޑެތި ރުއްތަކެވެ. ގިނަ އަދަދެއްގެ ރުއްތައް އެތަނުން ނަގާފައި ވަނީ ސިޓީ ސްކެއާ ތަރައްޤީ ކުރުމުގެ ފަރުމާ އާއި އެއްގޮތުގެ މަތީން، ފަހުން އެ ސަރަޙައްދުގައި ހިޔާދޭ ގަސް އިންދާނެ ކަމަށް ބުނެއެވެ.

ސިޓީ ސްކެއާ އިން ނެގި ރުއްތަކުގެ ބަދަލުގައި ކައުންސިލުން ހިތަދޫގައި ރުއް އިންދުމަށް ބޭއްވި ޕްރޮގްރާމު - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާލުމާއި ގުޅިގެން އެ ކައުންސިލަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވެއެވެ. އެކަމާއި ގުޅިގެން އެ ކައުންސިލުން ބުނެފައި ވަނީ އެތަނުގައި ހުރި ރުއްގަސް ނަގާފައި ވަނީ އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދައާއެކު ކަމަށެވެ.

ސިޓީ ސްކެއާގައި ހުރި ގިނަ އަދަދެއްގެ ރުއްތައް ކަނޑާލާފައި – ފޮޓޯ: އައްޑޫ ލައިވް
ސިޓީ ސްކެއާގައި ހުރި ގިނަ އަދަދެއްގެ ރުއްތައް ކަނޑާލާފައި – ފޮޓޯ: އައްޑޫ ލައިވް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ މީގެ ކުރިން ރުއްތަކާއި ގަސްތައް ކެނޑުން ފަދަ ކަންތައްތަކާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ އެއާޕޯޓް އެޅުން ފަދަ ބޮޑެތި މަޝްރޫޢުތައް ހުއްޓާލަން ވެސް މިސަރުކާރުން ނިންމާފައިވެއެވެ.

މިހާރު އައްޑޫގައި ކުރިޔަށްދާ ތަރައްޤީގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް އަދި، ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް އައްޑޫގައި ކުރަން ރޭވި ހަމައެކަނި މަސައްކަތަކީ ހިތަދޫ ސިޓީ ސްކެއާގައި ދިދަ ދަނޑިއެއް ޖެހުމެވެ. އެ ވައުދު 100 ދުވަސް ވެގެން ދިޔައިރު ވެސް ފުރިހަމަ ކުރެވިފައި ނުވާއިރު އެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. މިކަމާއި ގުޅިގެން ގިނަ ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.

ސިޓީ ސްކެއާ ތަރައްޤީ ކުރުމަށް ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް 3.2 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގޯނިބޭ

  އޮންނާނެ ރުއް އިންދާފަ. ނަސީބެއްނު ކަދުރު ކައިފަ އޭގެ އޮށްތައް ވަޅުނުލިކަން. ގަސްގަހާގެހި ބަހައްޓައިގެން ތަނެއްގެ ލޭންޑް ސްކޭޕިން ހަދަންވެސް ނޭނގޭ. ގޫބައްޑާމެން އަދިވެސް އެތިބެނީ ބޮލުގަ އެޅުވި ގޯނީގެ ދަށުން ނުކުންނަން ނޭނގިފަ. އެކަމަކު ތިމާމެންވަރުގެ ސިޔާސީ ބައެއް ނެތް ކަމަށް ހެދިގެން އުޅޭނީ. ލޮލް....

  8
  1
 2. ފުރާޅު

  އުފުރާލި ރުއްތައް ގެންގޮސް މާލޭ ޖުމްހުރީ މައިދާނުގައާއި މަޖީދީމަގުގައި އިންދަންވީ. ހިޔާލިބޭނެ އޭރުން.

 3. ނޭމާ

  ޙޭބަލިވެދާނެ ދިދަ ދަނޑި އެއްޖަހާ ދިދައެއް ނެގުމަކީ ތަރައްޤީތަ ތިޔަކަހަލަ ތަރައްގީ ނުވިއްޔާ ރަގަޅީ

  4
  1