މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރު (މެޓް) އިން މި އެލާޓް ނެރެފައިވަނީ، ވ. އަތޮޅުން ފަށައިގެން ހުވަދު އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދަށް ހުދު އެލާޓް ނެރެފައި ވަނީ މިރޭ 4:15 އިން ފަށައިގެން ހެނދުނު 9:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުދު އެލާޓް ނެރެފައިވާ ވަގުތުތަކުގައި، އެލާޓް ނެރެފައިވާ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް ރޭ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުންނެވެ. އަދި އެހެން ހިސާބުތަކަށް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ކަމަށާއި، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވީ، ވިލާގަނޑުގައި ގަޑިއަކު ގާންގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.


 

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ހުދު އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ރީނދޫ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރަތް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ފެހި އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.