ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގަން މަސަައްކަތު މީހުންގެ ގޮތުގައި ބިދޭސީން ގެނައުމަށް ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށް ބެލެވުނު 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އެ މައްސަލަތަކާއި ގުޅިގެން އިމިގްރޭޝަނުން ލިބެން ހުރި ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކާއިއެކުގައި ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން އެ 24 ކުންފުނީގެ އިސްވެރިންނާއި، ތުހުމަތުގައި ޝާމިލްވެފައިވާ އެންމެހާ ފަރުދުންގެ މައުލޫމާތުތައް ހިމަނާފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

"މި މައްސަލަތަކުގެ ތަހުގީގު ނިމެންދެން، މި 24 ކުންފުނީގެ ހިއްސާދާރުންނާއި މި މައްސަލަތަކާ ގުޅުން ހުރި އެންމެހާ ފަރާތްތަކަށް، އިމިގްރޭޝަނުން ފޯރުކޮށްދެމުން ދިޔަ ބިދޭސީންނާ ގުޅުން ހުރި އެންމެހާ ހިދުމަތްތަކެއް ވާނީ މެދުކަނޑާލައިފައެވެ." އިމިގްރޭޝަނުން އާންމުކުރި ބަޔާނެއްގައި ބުންޏެވެ.

ބިދޭސީންނާ ގުޅުން ހުރި މިފަދަ މައްސަލަތައް ހުއްޓުވުމަށް ކުރަމުން ގެންދާ މަސައްކަތުގައި، އިމިގްރޭޝަނުން މިހާރު ވަނީ ޝައްކުކުރެވޭ ކުންފުނިތަކާއި، މީހުންގެ ހުރިހާ މައުލޫމާތު އިކޮނޮމިކް މިިނިސްޓްރީ އަށް ވެސް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާދު

    އެއާޕޯޓްގަ އެބައުޅޭ ތިޔަކުންފުނިތަކާ ގުޅުންއޮންނަ ސްޓާފުން ހުރިހާކަމެއް ހިންގަމުންދަނީ ވަރައްބޮޑައް ރޭވިގެން ތިޔަކަންކަން ހުއްޓުވަންއުޅޭބަޔަކު ހަލާކުވާނީ

    13