ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލޭ ފަޅުން ލޯންޗެއްގައި ފުރަން ތައްޔާރުވެގެން ހުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ހައްޔަރުކޮށްފައި ވަނީ މާލެ އިން އދ. އަތޮޅަށް ފުރަން ތައްޔާރުވެފައި އޮތް ލޯންޗަކުންނެވެ. މި މީހާ ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 14:30 ހާއިރު އެވެ.

އުމުރުން 33 އަހަރުގެ ދިވެހި އެ ފިރިހެން މިހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި ރަބަރު ޕެކެޓަކާއި އިތުރު ބުލެޓް ސައިޒްގެ ދެ ރަބަރު ޕެކެޓް ފެނިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުޤީޤު ކުރަމުންދާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ވަނީ ގިނަ ބަޔަކު އަތުލައިގެންފައެވެ.