19 ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ނެރޭ މެމްބަރަކު ކަނޑައެޅުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ވޯޓް ނެގުމަށް ހަމަޖެހިފައިވަނީ އަތް ނަގައިގެން ވޯޓް ނެގުމަށް ގިނަ މެމްބަރުން ތާއީދުކޮށްފި ކަމަށް "ރާއްޖެ ޓީވީ" އިން ބުނެފިއެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ނެރޭނެ މެމްބަރެއް ކަނޑައެޅުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 9:30ގައި ދަރުބާރުގޭގައެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ، މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

"ރާއްޖެ ޓީވީ" އިން ބުނާ ގޮތުގައި އެމްޑީޕީގެ ޓިކެޓްގައި ގޮނޑި ކާމިޔާބުކުރެއްވި 65 މެންބަރުންގެ ތެރެއިން 45 މެމްބަރުން އަތްނަގައިގެން ވޯޓް ނެގުމަށް ވަނީ ތާއީދުކޮށްފައެވެ.

މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނަވާށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިއާއި އެކު އަފީފާއި އަސްލަމްގެ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާގައި ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްލަމަށް ތާއިދު ކުރައްވާ މެންބަރުން ބޭނުންފުޅު ވަނީ އަތްނަަގައިގެން ވޯޓް ނަގަންށެވެ. އެއީ ފާޅުގައި ނަގާ ވޯޓެއްގައި ނަޝީދާއި ދެކޮޅަށް ވޯޓް ދޭން ގިނަ މެންބަރުން ޖެހިލުން ވާނެތީ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރޭގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފުގެ އިތުރުން ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އެވެ.

ސިއްރު ވޯޓަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެޖެންޑާ 19

    ޖަޒީރާކޮއްދޯ ވޯޓްވެސް ނަގަން އެއުޅެނީ. ތަހުޒީބުކަމެއް ނެއް ފެންނާކަށް

    9
    1