ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އަބްދުﷲ ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކުރުމުން އެދެބޭފުޅުންނަށް ވިލިމާފަނު ދާއީރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން މަރުހަބާ ވިދާޅުވެއްޖެއެވެ.

ނިހާން ރައީސް ނަޝީދާއި އީވާ އަށް މަރުހަބާ ދެންނެއްވީ ޓުވިޓާ މެދުވެރިކޮށް ކުރެއްވި ޓުވީޓަކުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އަބްދުﷲ ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކުރުމުން ނިހާން މަރުހަބާ ދެންނެއްވި އިރު މަޖިލީހުގެ ރައީސް ކަމަށް ވިލިފުށީދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު ގެންނަން ޕީއެންސީ ވަނީ ތާއީދުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ރައީސް ޞާލިހް ބޭނުންފުޅުވީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފެވެ. ނަޝީދު ބޭނުންފުޅުވީ އެމަނިކުފާނު ކުރިން ވިދާޅުވެފައި އޮތް ގޮތުގައި މަޖިލިސް ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނާށެވެ. ނަމަވެސް ރޭ ކުއްލިއަކަށް ނިންމުން ބަދަލުކޮށް މަޖިލިސް ރައީސް ކަމަށް އެމްޑީޕީ އިން ނެރޭނެ ބޭފުޅަކީ ނަޝީދު ކަމަށް ވަނީ ފާސް ކޮށްފައެވެ.

ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން އެމްޑީޕީ އިން ފާސްކުރި ކުރުން އެމަނިކުފާނު ގަބޫލުފުޅު ކުރެއްވިއިރު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އެމަނިކުފާނު ފުރަތަމަ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް ކަމަށެވެ.

ރޭ ނަޝީދު ވިދާޅުވީ މިއީ ކުރިން ނިންމަވައިގެން ހުންނެވި ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ނަޝީދު ފުރަތަމަ ދުވަހު ވެސް ނިންމަވައިގެން ހުންނެވި ގޮތެވެ. ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ރޭ އެމްޑީޕީ ޕީޖީ ބައްދަލުވުން ފެށުމުގެ ކުރިން ބައެއް މީޑިއާތަކުން ވެސް އޮތީ ބުނެފައެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުރީގެ ރައީސް އަކު މަޖިލީހުގެ މެންބަރު ކަމުގެ ދައުރު މިރޭ ފައްޓަވާއިރު މިއީ ނަޝީދު މަޖިލިސް މެންބަރުކަމަށް އިންތިޚާބުވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެމަނިކުފާނު މެންބަރު ކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރު އެވެ. އެފަހަރު ދައުރު ހަމަނުކުރެވެނީސް ނަޝިދަށް ގޮނޑި ގެއްލުނީ ވެލާނާ ގެއިން ވައްކަން ކުރިކަން ސާބިތުވެ، އަރުވާލުމުގެ ޙުކުމެއް އައުމުންނެވެ.