ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި ކޮންމެ މަހަކުވެސް ލިބޭ 65،000 ރުފިޔާ މުރާޖާ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހުށަހަޅައިފިއެވެ.

މި ހުށަހެޅުން ހުށަހަޅާފައިވަނީ، ރައްޔިތުން މަޖިލީހުގެ ގަވާއިދަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފައިވާ ފުރުޞަތުގައިއެވެ.

މި ހުށަހެޅުމުގައި ބުނެފައިވަނީ، މެންބަރުންނަށް މުސާރައިގެ ގޮތުގައި ލިބޭ 65،000 ރުފިޔާއަކީ ދައުލަތުގެ ބަޖެޓާއި އެހެނިހެން ވަޒީފާތަކަށް ކަނޑައަޅާފައިވާ މުސާރައަށް ވުރެ ބޮޑު މުސާރައެއް ކަމަށެވެ. އަދި ހަމައެއާއެކު ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރާއްޖެއިން ބޭރުން މެޑިކަލް އިންޝުއަރެންސް ލިބެމުން އަންނައިރު މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އަލުން މުރާޖާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްއާރްސީއެމްއިން ހުށަހެޅި ޚިޔާލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 20000 ރުފިޔާ އުނިކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ. ހަމަ އެހެންމެ، ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ފަދައިން ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުނުވާ މެންބަރުންގެ މުސާރަ އުނިކުރެވޭނެ އުޞޫލެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ޤަވާއިދު ކޮމެޓީން ކުރަމުން އަންނައިރު ކޮމެޓީން ވަނީ ޤަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އާއްމު ފަރާތްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށްވެސް ހުޅުވާލައިފައެވެ.

އެގޮތުން އަދާލަތު ޕާޓީގެ ފަރާތުން ވެސް ވަނީ އެ ޤަވާއިދަށް 20 އިޞްލާޙެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Alibe

    ނުކުރާނެ މުސާރައެއް ކުޑައެއް، އޭގެ ދަހިވެތިކަމުގަ މަޖިލިހަށް ވަދެގެން އެއުޅެނީ، ކޮންމެހެން ރައްޔިތުންނަށް ކަމެއްކޮށްދޭކަށެއްނޫން.

    21
    1
  2. ލޯންސްޓަރ

    ސްޕަމެޖޯރިޓީން ތިކަމެއް ނުކުރާނެ. އެޖެންޑާ 19 ގަ ތިކަންކުރާކަށް ނުވެސްބުނޭ. އޭގަ އޮތީ ޖަޒީރާވަންތަ ކުރުމާ ފަޑިޔާރުގެއަށް އަތްބޭނުން.

    18
    1
  3. އުދާސް

    މުސާރައަށް ވުރެ ކުޑަ ކަމެއް ނޫނޭ ދައުރެއް އަދާ ކޮއްލާއިރަށް އެވެރިންނަށާއި އެވެރިންގެ މުޅި އާއިލާއަށް މުޅި އުމުރު ދުވަހަހށް ލިބޭ މުސާރައާއި އިނާޔަތާ މެޑިކަލް އާ މިހުރިހާ އެއްޗަކީ. އެވާހަކަ ކޮންމެ ހެން ވެސް ދައްކަން އެބަ ޖެހޭ. ރައްޔިތު މީހާ 5އަހަރު ދުވަހު ކިތަންމެ ބުރަކިށް މަސައްކަތް ކޮއްފާ ގޭގައި ހުއްޓަސް އެއްވެސް އެއްޗެއް ނުލިބޭ