ނޫމަރާ އިންޖީނުގޭގައި ހުރި އިންޖީނުތަކަށް މައްސަލަ ދިމާވެ، ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ފަހަރު ކަރަންޓު ކެނޑޭކަމަށް، އެ ރަށު އިންޖީނުގެއިން މަޢުލޫމާތު ދީފިއެވެ.

މިކަމާއި ގުޅޭގޮތުން، "ވަގުތު" އަށް މަޢުލޫމާތު ދެެއްވަމުން، ފެނަކަ ނޫމަރާ ބްރާންޗުގެ މެނޭޖަރ، އިބްރާޙިމް ފުޢާދު ވިދާޅުވީ، ނޫމަރާގެ އިންޖީނުތަކަށް މައްސަލަތައް ދިމާވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އެކަމުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން. ނަމަވެސް އަދި މިކަން ވާ ގޮތެއް ނުވޭ. ހަމައެކަނި އިންޖީނުތަކެއް ނޫން، މި އިމާރާތްވެސް މި ވަނީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފަ. އެއްވެސް ސަރުކާރެއްގައި މިކަމަށް އެއްވެސް ހައްލެއް ލިބިފައެއް ނުވޭ. އަނެއްކާ ސުކޫލާއި ވަރަށް ކައިރި މި ތަން މިހުރީ. މިކަންވެސް ކަމާއި ބެހޭ އިދާރާތަކަށް އަންގައިގެން އުޅޭތާ އެތައް އަހަރެއް." ފުޢާދު ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް އެރަށުން ކަރަންޓު ކެނޑޭތީ އެކަމާއި އެރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނޫމަރާ އިންޖީނުގެ ފެނަކަ އާއި ހަވާލުކުރީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭގެފަހުން މިއަދާ ހަމައަށް އައި އިރުވެސް އިންޖީނުގެ ތަރައްޤީކޮށް ކަރަންޓް ވިއުގަ ރަނގަޅުކުރުމަށް ކުންފުނިން މާބޮޑު މަސައްކަތްތަކެއް ކޮށްފައެއްނުވެއެވެ. އިންޖީނުގެ އިމާރާތަކީ މުވައްޒަފުންނަށް ރައްކާތެރި ތަނެއްނޫނެވެ. އަދި އިމާރާތުގެ އެއްކޮޅު ބިއް މިހާރުވަނީ އެއްކޮށް ކަހަލަ ގޮތަކަށް ތަޅާފައެވެ.

ށ.ނޫމަރާ އިންޖީނުގެ - ފޮޓޯ ނިޒާރު

އެހެން ކަމުން ވާރޭގެ އަސަރުން އިންޖީނުތަކަށްވެސް ރައްކާތެރިކަމެއް އޮތްކަމަކަށް ނުބެލެވެއެވެ. އިންޖީނުގެ މިހާރު ހުރިތަން އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި 2011 ގެ އޮކްޓޯބަރ ގައިވަނީ 80 ފޫޓު 80 ފޫޓުގެ ގެ ބިމެއްވެސް ދޫކޮށްފައެވެ. ނަމަވެސް މިއަދާހަމައަށްވެސް އެބިމުގައި އިންޖީނުގެ އެޅުމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ. ކަރަންޓްގެ ހާލަތު ދަށްވެގެންގޮސް ކޮންމެ އަހަރަކުވެސް ވަކިހިސާބަކުން ދުވާލަކު ދިހަ ބާރަ ފަހަރަށް ކަރަންޓް ކެނޑި ރައްޔިތުންގެ އެތައް މުދަލަކަށް ދަނީ ގެއްލުން ލިބެމުން ކަމަށް އެރަށު ރައްޔިތުންގެ މަޢުލޫމާތު ދެއެވެ.

އިންޖީނުގޭގައި މިހާރު ބޭނުންކުރަނީ 2 އިންޖީނެވެ. އެތަނުން މިހާރު މައްސަލަ ޖެހިގެން ގަޑިއަކު އެއްފަހަރު ނިވޭ އިންޖީނަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ ސަރުކާރުން ހަދިޔާކުރި އިންޖީނުތަކުގެ ތެރެއިން ނޫމަރާއަށް ލިބުން 100 ކިލޯވޯޓްގެ އިންޖީނެކެވެ.

ކޮންމެ ވެރިކަމެއްވެސް ފެށިގެން އަންނަނީ ކަރަންޓްގެ ހާލަތު މިހާރަށްވުރެ ރަނގަޅުވެ މުވައްޒަފުންނަށާއި ތަކެއްޗަށް ރައްކާތެރި ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ އާ އިންޖީނުގެއެއްގެ ލިބެނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އަދި މިއިން އެއްވެސް ކަމަކަށް ހައްލެއް ލިބިފައިނުވާ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

ނޫމަރާ އަކީ އާބާދީގައި 492 މީހުން ރަޖިސްޓްރީވެފައިވާ ރަށެކެވެ. ރަށުގައި އާއްމުކޮށް އުޅެނީ ގާތްގަނޑަކަށް 250 އެއްހާ މީހުންނެވެ. އެރަށުގެ ގިނަ މީހުން ވަނީ އެ އަތޮޅު ފުނަދޫއަށް ހިޖުރަ ކޮށްފައެވެ.