ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަންގެ ޓްވިޓާ އެކައުންޓް މިއަދު އަނެއްކާވެސް "ސިޔާސީ ވެއްޖެއެވެ."

މިއަދު ފާހަގަ ކުރަމުންދާ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ފެނަކަ އިން ވަނީ ޓްވީޓެއް ކޮށްފައެވެ. ފެނަކައިގެ ޓްވީޓްގައި ވަނީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ޕާޓީގެ ލީޑާޝިޕަށާއި އާއްމު މެންބަރުންނަށް މަޜުޙަބާ ކިޔާފައެވެ.

ނަމަވެސް ފަހުން ވަނީ ޓްވީޓް ޑިލީޓް ކޮށްފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ވެސް ފެނަކަ އިން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމުން އެނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާނެކަން ޖޭއެސްސީ އިން އިއުލާން ކުރި ކުރުމަށް ޓްވިޓާގައި ޚިޔާލުފާޅުކޮށްފައެވެ.

އެދުވަހު ފެނަކަ އިން ކުރި ޓްވީޓެއްގައި ބުނީ "ޖޭއެސްސީ އަކީ ކޯޓުތަކުގެ މައްސަލަ ބަލަން ޤާނޫނު އަސާސީ އިން ބަޔާން ކުރާ ކޮމިޝަންތޯ؟" އެވެ.

ޖޭއެސްސީ އާއި ގުޅޭ ގޮތުން ކުރި ޓްވީޓް ޑިލިޓް ކުރުމަށް ފަހު ފެނަކަ އިން ފަހުން ވަނީ މަޢާފަށް އެދިފައެވެ. ފެނަކަ އިން ބުނީ ޖޭއެސްސީ އާއި ގުޅޭ ގޮތުން ޓްވީޓް ކުރެވުނީ ޓްވިޓާ އެކައުންޓް ބަލަހައްޓާ މުވައްޒަފަށް އޮޅިގެން ކަމަށާއި، މުވައްޒަފާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ފެނަކަ އަކީ ރައީސް ޞާލިހްގެ ވެރިކަމުގައި ވެސް އެންމެ ބޮޑަށް "ސިޔާސީ ހަރަކާތް" ހިންގާ ކުންފުނި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ސިޔާސީ ގޮތުން އިދިކޮޅު ޚިޔާލު ގެންގުޅޭ ގިނަ މުވައްޒަފުން ފާއިތުވި ހައެއްކަ މަސް ތެރޭގައި ވަނީ ފެނަކައިގެ ވަޒީފާ އިން ވަކިކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މިހަފްތާގައި އޮޅިގެން ޓްވީޓެއް ކުރައްވާފައެވެ. އަދި ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް މިއަދު އޮޅިގެން ޓްވީޓެއް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރުގޮނު

    ކޮންމެ ސަރުކާރެއް އޮތަސް ފެނަކަ ހިމެނިފައި އޮންނަނީ އެސަރުކާރެއް ހޮވުމަށް ގަދަ މަސައްކަތްތެރިންނަށް ހަދިޔާއެއް ގެ ގޮތުން ވަޒީފާދޭ ކުންފުންޏަށް. ކޮންމެހެން މުވައްޒަފަކު ލާން ނުޖެހުނަސް މަޤާމެއް ހަދާގެންވެސް ވަޒީފާދޭ ކުންފުންޏަކީ ފެނަކަ. މިސާލަކަށް މަސައްކަތު މީހަކު ކޮންމެ ދުވަހަކު އޮފީސް ކުނިކަހާ ތަންތަން ފޮޅާ ސާފުކޮށްކޮށް ހުއްޓާ އަނެއްކާވެސް އެމަޤާމަށް އިތުރު މީހަކު ނަގާ" ޑަސްބިން އުކާލާ " ކަމަށް ހަމަޖައްދާފާނެ. އެހެންވީމާ ކޮންމެ ދަވްރަކުވެސް ފެނަކާގައި ޕާޓީ އެކްޓިވިސްޓްން. މަތިން ފެށިގެން ދަށަށް އެންމެން ތިބޭނީ ސިޔާސަވެފައި.

    11