ޒިންމާ އަދާކުރުމުގައި ފުލުހުން ބަލަން ޖެހޭނީ ކުށްކުރާ މީހާގެ ހައިބަތާއި ބޮޑު ކަމަށް ނޫން ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފުލުހުން އަބަދުވެސް ތިބެން ޖެހޭނީ ޤާނޫނުން ލިބިފައިވާ ބާރާއި އިޚުތިޔާރުތަކުގެ ތެރޭގައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމާއި، ގާނޫނުއަސާސީ ނެގެހެއްޓުމާއި އެކު ދައުލަތުގެ ވަކިވަކި ބާރުތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުވައިދިނުމުގައި ސާބިތުވެގެން ކަމަށެވެ.

އަދި ގާނޫނޫ އަސާސީ ތަންފީޒުކުރުމާއި އެކު ފުލުހުންގެ ވާޖިބުތަކާއި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ފުލުހުންގެ ވާޖިބު ކަމަށްވާއިރު ޒިންމާ އަދާކުރުމުގައި ފުލުހުން ބަލަން ޖެހޭނީ ކުށްކުރާ މީހާގެ ހައިބަތާއި ބޮޑު ކަމަށް ނޫން ކަމަށާއި ބަލަން ޖެހޭނީ އެކުށުގެ ކުޑަބޮޑު މިނަށް ކަމަށް އަރީފް ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ފަރާތަކުން ކުރިޔަސް އެކުށަކާ ގުޅިގެން ކުރަންޖެހޭ ތަޙުޤީޤެއް ހިންގުމަށާއި ކަނޑައެޅިފައިވާ އަދަބެއް އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތިން އެކަންކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމުގައި ފަސްޖެހިގެން ނުވާނެ ކަމަށްވެސް އަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތީ މުއައްސަސާތަކުގައި އެއިރެއްގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ އިހުލާސްތެރި މަސައްކަތްތަކުން ކަމަށާއި ފުލުހުންގެ ކިބައިން އެދެނީ އެ ވާޖިބު އަދާކުރުމުގައި އަމާނާތްތެރިކަން އިސްކުރުން ކަމަށްވެސް އަރީފް ވިދާޅުވިއެވެ.

"ފުލުހުންގެ ހިދުމަތާއި ގުޅި ފުލުހަކަށް ވެގެން އަންނަނީ ފަނޑިޔާރެއްގެ ކުރިފުޅު މަތީގައި ހުރެ މާތް ﷲ ގެ ހަޒުރަތައް ބިރުވެތިވެ ހުރެ ގާނޫނީ ހުވައި ކުރުމަށްފަހު ކަމަށްވާއިރު، މިކަންކަން މަތިން ހަނދާން ނައްތާލައިގެން ނުވާނެ،" އަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ ބައިތުލްމާލުން ފުލުހުންނަށް މުސާރަ ދޭއިރު ދަޢުލަތުގެ ތެރެއިން އުފެދިގެން އަންނަ އާ ކަންތައްތަކާއި ފިކުރުތަކާއި އިހުސާސްތަކާއި ނިޒާމުތަކުގެ ސަބަބުން، ގައުމުގެ ޙާލަތު ނިޒާމުން ކައްސާލިޔަ ނުދިނުމަށް އެހީތެރިވާ ބަޔަކީ ފުލުހުން ކަމަށްވާއިރު މިކަން ކަށަވަރު ކުރުމަށް ފުލުހުން ތިބެން ޖެހޭނީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށްވެސް އަރީފު ވިދާޅުވިއެވެ.

ދިމިކުރާތީ ވެރިކަމުގެ ނިޒާމެއް ހޯދޭނީ ސިޔާސީ ނުފޫޒުތަކުން އެއްފަރާތްވެ މިނިވަންކަމާއި އަމިއްލަ ބާރުގައި ފުލުހުންގެ ކަންކަން ކަނޑައެޅުމުގެ އިޚުތިޔާރާއި ބާރުއޮތް މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ބޭއްވިގެން ކަމަށްވެސް އަރީފު ވިދާޅުވިއެވެ.

"މިކަންކަން ހަމަމަގައް އެޅުވުމުގެ ފުރިހަމަ އިހުތިޔާރާއި ބާރުވެރިކަން ލިބިފައިވާ ފަރާތްތަކުން ޒިންމާ ނުނަގާނަމަ ހަޑިވެގެން ކިލަނބުވެގެންދާނީ ތިޔަބޭކަލުންގެ ސާފު ޔުނީފޯމުކަން މިއަދު ހަނދާން ބަހައްޓަން ޖެހޭނެ. ޒިންމާ އަކަށް ވާންޖެހޭނީ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލު ތަކުގެ ތެރެއިން ރާއްޖޭގައި ހެދިފައިވާ ދިވެހި ގާނޫނު އަސާސީ ތަންފީޒު ކުރުމާއި އެކު ފުލުހުންގެ ވާޖިބުތަކާއި އުސޫލުތައް ނަގަހައްޓާއި ދެމެހެއްޓުން،" އަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ ފަރާތުން ކަންކަމާއި ހަވާލުވެ ހުންނަ ކޮންމެ މީހަކީ އެމީހެއްގެ ވާޖިބު އަދާކުރި ގޮތާއި މެދު ރައްޔިތުންގެ ކުރިމަތީގައި ޒިންމާ ވާންޖެހޭނެ މީހެއް ކަމަށާއި އިސްލާމީ ރިވެތި އުޞޫލުތަކާއި އިޙުސާންތެރިކަމާއި ހިތްހެޔޮކަމާއި ލޯތްބާއި އޯގާތެރިކަން ފުލުހުންގެ ފަރާތުން ފެންނަން ޖެހޭނެ ކަމަށްވެސް އަރީފް ވިދާޅުވިއެވެ.

ފުލުހުންގެ ހައްޔަރުގައި އަރީފް މިވަގުތު ހުންނެވިއިރު ދާދިފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސްނޫނު...

    މިއަދު ޖަލުގެ ކުޑަގޮޅީގަ ހުންނަންޖެހިފަ ހުރުމުން ތިވާހަކަ ދެއްކީމަ ދިވެހި އެއްވެސް ރައްޔިތެއް ގަބީލެއްނުކުރާއެވެ. ވަޒީފާ ގެއްލުނީމަ ދެނެއް ތިހެން ކިޔާގެން ދިވެހިން މަގުފުރައްދަން އުޅުމުގެ އެއްވެސް ބޭނުމެއް ހުރިކަމަކަށް ނުފެނެއެވެ. ދެންވެސް ކުރިޔަށް އޮތްދުވަސް ތަކުގެމަތިން ހަދާންކޮށް ކަމުން އިބުރަތް ހާސިލުކުރުން އެދެމެވެ....

  2. އަދީބު

    ތިވިސްނުން ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުރިއިރު ތިބާގެ ކިބައިގަ ހުރިނަމަ މިއަދު ކުޑަކޮޅިން ޖާގަ ހޯދައިގެން އޮންނާކަށް ނުޖެހުނީސް، އަމިއްލައަށް އަމަލުނޮކޮށް އެހެންމީހުންނަށް ތިގޮވެލިފަތި ގޮވުމަކީ މީހާގެ ކިބައިގެ އެއްވެސް ހަރުދަނާކަމެއް ވިސްނުމެއް ބުއްދިއެއް ނެތްކަން ހާމަކޮށްދޭ ފުރިހަމަ މިސާލެއް