ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފްގެ މައްޗަށް ދައުލަތުން ކުރާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

އަރީފްގެ މައްޗަށް ދައުލަތުން ނިރުބަވެރިކަމުގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވަނީ، ވަނީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އެ ކަމަށް ދުރާލައި އަރީފް ތައްޔާރުވި ކަމަށާއި އަދި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކާ ޚިލާފަށް އޭނާ ބޭނުންވާ ބައެއް ފުލުހުންތަކެއް، ފެބްރުއަރީ 1 ގެ އަމުރު ނެރެންވާ އިރަށް މަގުމައްޗަށް ނެރެން ތައްޔާރުކުރި ކަމަށް ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން އެންމެ ފަހުން ތާވަލުކުރި ދެ ދުވަހުވެސް މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް ކެންސަލް ކޮށްފައިވާއިރު، އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2018 މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން ކުރީގެ ސީޕީ އަޙްމަދު އަރީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކަށާއި ކުރީގެ ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށް ވެސް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވެއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން އަރީފްއާ ދެކޮޅަށް 31 ހެއްކެއް ހުށަހަޅާފައިވާއިރު، އަރީފް ހުންނެވީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައެވެ. އަރީފްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.