މާލޭގެ ފަތާ ސަރަހައްދު ކޮންޓްރެކްޓް އުސޫލުން ސާފުކޮށްދޭނެ ބަޔަކު ހޯދަން ޔޫތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ، މާލޭގެ ފަތާ ސަރަހައްދަށް ކުނި ޖަމާ ވާން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އޮއިވަރަށް އަންނަ ބަދަލާއެކު ވަންނަ ކުނި ކަމަށައި އެކަމަށް ދާއިމީ ހައްލެއް ލިބުމަކީ ދުރު ކަމެއް ކަމަށެވެ.

މާލޭގެ ފަތާ ޓްރެކަކީ ހުރިހާ އުމުރެއްގެ ބަޔަކު ފަތަންދާ ސަރަހައްދެކެވެ. މީގެ އިތުރުންވެސް ގިނަ ސްކޫލްތަކުގެ ފެތުމުގެ މުބާރާތްތަށްވެސް ކުރިއަށް ގެންދަނީ މި ޓްރެކްގައެވެ.

މުބާރާތްތައް ކުރިއަށްދާ ތަނެއްގައި ކުނި ގިނަވެ ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އެއިއުލާނުގައި ބުނެފައިވަނީ ދުވާލަކު އެއް ފަހަރު ދެ ޕްލެޓްފޯމް އަދި އެ ސަރަހައްދުގެ މޫދާއި އެއްގަމުގެ ބައިތައް ސާފު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ސާފުތާހިރުކަން ދެމެހެއްޓުމަށް ދުވާލަކު އެއް ފަހަރަށްވުރެ ގިނައިން ކުނި ކަހައިގެން ވިޔަސް އެ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކުނި ނެގުމާއި އުކާލުމުގެ މަސައްކަތް ކުރަން ވާނީ ކުނި އުކުމަށް ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށެވެ.