މާލޭގައި ނަން މަޝްހޫރު "ވީބީ މާޓުން" މަސްދަޅުތަކެއް ވަގަށް ނެގި މީހަކު 2600ރ އިން ޖޫރިމަނާކޮށް އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސ.ހިތަދޫ، ފްރެސްކޯ، ޢަލީ ވަޙީދުގެ މައްޗަށް ސާބިތުވެފައިވަނީ ވައްކަން ކުރަން އުޅުނުކަމުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ، 2016 ސެޕްޓެމްބަރު 26 ވަނަ ދުވަހު ހަވީރު މާފަންނު ސަހަރާ ކައިރީގައި ހުންނަ "ވީބީ މާޓުން" 12 މަސްދަޅު ކޮތަޅަކަށް ލައިގެން ފައިސާ ނުދައްކާ ނިކުމެފައިވާ މައްސަލައިގައެވެ.

ޢަލީ ވަޙިދުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ވައްކަން ކުރަން އުޅުނުކަމުގެ ކުށުން އޭނާ ކުއްވެރިވެފައިވާތީ ކަނޑައެޅޭ 27 ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 14 ދުވަހަށް ގޭ ބަންދު ކުރުމަށާއި، ހުކުމުގެ ބާކީ 13 ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި 2600ރ އިން ޖޫރިމަނާކޮށް، އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.

މިފަދަ ކުއްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފުވެރި ހުކުމްތަކެއް ކުރެވިގެންދާއިރު، ކަސިޔާރު މަގުން ހިނގައި ކުރެވޭ މިފަދަ ކުށްތަކުން ދުރުހެލުވެ، ކުރިމަތިލާން ޖެހިދާނެ ލަދުވެތިކަމާއި، ކުރިމަތިވެދާނެ ގެއްލުމަކުން ދުރުވުމަށް ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ދިވެހިން ވާން ޖެހެއެވެ.