ވަގު ޑޮލަރު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ކައުންޓަރފީޓް ނޫޓް ބޭނުންކޮށްގެން ވިޔަފާރި ކުރުމާއި، މަކަރާ ހީލަތް ހެދި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 30 ދުވަސް ޖަހާފައިވާއިރު، އޭނާގެ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާގެ އަތުން ފުލުހުން ނެގި ބޭންކް ނޫޓުތަކަކީ ސައްހަ ނޫން އެއްޗެއް ކަން ނޭނގޭ ކަަމށަށް ބުނާ ކަމަށެވެ/

އަދި އޭނާ އަތުން ސައްހަ ނޫން ޑޮލަރުވެސް ފެނިފައިވާ ކަަމަށް ބުނެފައި ވެއެވެ.

އެގޮތުން އެފަދަ ސައްހަ ނޫން ބޭންކް ނޫޓު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރި ކުރާ ކަމަށް ބެލެވޭތީ އޭނާ މި ކުށް ކުރަމުން ގެންދަނީ އިންތިޒާމް ވެގެން ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެއެވެ. އަދި ރާއްޖޭގައި މަކަރާ ހީލަތް ހެދުމުގެ މައްސަލަތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.