ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

މަހުފޫލްގެ އަނބިކަނބަލުން ނަޒްރާ ނަސީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހުލޫފު މާފުށީ ޖަލަށް ބަދަލުކުރިކަން މީގެ އިރުކޮޅެއްކުރިން ދޫނިދޫ ކަސްޓޯޑިއަލްއިން ގުޅާފައި އެންގި ކަމަށެވެ.

މާފުށީ ޖަލަށް މަހުލޫފް ބަދަލުކުރިއިރު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ އިތުރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހުލޫފު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިވަޑައިގެން އެތަނުގައި ތިބި މީހުންނަށް މާސްކް ބެއްސެވުމަށްފަހު ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި މަހުލޫފްގެ މައްޗަށް ދައުވާ ވެސް އުފުލާފައެވެ.

މީގެއިތުރުން މަހުލޫފު މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އާންމުންގެ ބަޔަކާއިއެކު މާފުށީ ޖަލު ކުރިމަތީ މުޒާހަރާ ކުރި މައްސަލާގައެވެ.