މީހުން ދިރިއުޅޭ ބިން ބޮޑު ރަށްރަށުން ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި، ބީލަމުގެ އުސޫލުން ބިންތަކެއް ދޫކުރުމަށް ނިންވަވާފައިވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެެެވެ.

ޓުއަރިޒަމް މިނިސްޓްރީން "ޖަޒީރާ ރާއްޖެ މަގޭ ރާއްޖެ"ގެ ނަމުގައި ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ހަފްލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބީލަމުގެ އުސޫލުން ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހއ. އުލިގަން, ހއ. ފިއްލަދޫ، ދައްޕަރު ސަރަހައްދާއި، އަދި ހއ. ކެލާގެ އިތުރުން އައްޑޫ ސިޓީގެ ހަ ރަކާއި ލ. ގަމާއި، ފުވައްމުލަކު ތުޑީ ސަރަހައްދު ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ފަތުރުވެރިކަން ތަރައްްގީ ކުރާނީ ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ނޫންކަމަށާއި، ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ކަމަށެވެ.

"ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ވަރަށް މަތީ ދަރަޖައިގައި. އެކަމުގެ ހުރިހާ ޝަރަފެއްގެ ހައްގުވަނީ، މި ސިނާއަތް ކުރިއެރުވި މަސައްކަތްކުރި ހުނަރުވެރި ނަށް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި ނިމިގެންދާނެ ކަމަށާއި އޭރުން މި ސިނާއަތުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި ނިމިގެންދާނެ, އޭރުން ފަތުރުވެރި މުވައްޒަފުންގެ ހާލަތު ދެނެގަނެވި" ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވިއެވެ.

ގއ. އޮޑެގައްލާ އަދި އިންނަފުށީގައި ރިސޯޓް ހެދުމުގެ ހެދި ލީސް އެގްރީމެންޓް މި ސަރުކާރުން އުވާލަން ނިންމީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ތިމާވެށި ހިޔަތްކުރުމަށް ވާތީ ކަމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުރު މިސްރާބު ކަނޑައެޅުމަށް ފަސް އަހަރުގެ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ލޯންޗު ކުރުމަށް މި ބޭއްވި ހަފްލާގައި ވަނީ ރައީސުލްޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.