މާލޭގެ މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލުކުރަން ހުށަހަޅާފައިވާ މައްސަލަ އަންނަ ހަފްތާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރު ކުރުމަށް ޖާބިރު މަޖިލީހަށް ހުށަހެޅި ސުވާލު ކުރުމުގެ ނޯޓިސްގައި ބުނެފައި ވަނީ އެކަށީގެންވާ މިންވަރަށް ޕާކު ކުރާނެ ސަރަހައްދުތައް ހެދުމެއް ނެތި ޕާކިންގް ސްޓިކާ ޖަހަމުންދާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އެ ސުވާލު އަންނަ ހަފުތާގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ކޮންމެ ވެސް އެއް ޖަލްސާއަކަށް އެޖެންޑާކޮށްދޭން މިނިސްޓަރ ނަހުލާ އެދިވަޑައިގެންފައިވާ ކަމަށެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ރައީސް ޞާލިހް ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.