ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް އޮތް މެޖޯރިޓީ ގެއްލުވާލަން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕުން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުންނާ ދެކޮޅަށް ދައުވާ ކޮށްގެން ރައީސް ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު މެމްބަރުންނަށް އޮތް މެޖޯރިޓީ ގެއްލުވައިލަން ކަމަށެވެ.

މި ބަޔާނުގައި ރައީސް ޔާމީނާއި އެ މަނިކުފާނުގެ އިސް ބޭފުޅުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައިވާއިރު އިންސާނީ ހައްގުތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

"ރައީސް ޔާމީނަކީ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ ވެރިއެއް. އަޅުގަނޑުމެން ޑިމާންޑް ކުރަނީ މެމްބަރުންނާއި ސިޔާސީ ހައްޔަރީން ވަގުތުން ދޫކޮށްލުމަށް. އަދި ރައީސް ޔާމީން ގާނޫނާ އެއްގޮތަށް އަމަލު ކުރަން ބައިނަލްއަގުވާމީ ފަރާތްތަކުން ބާރު އެޅުމަށް. އަދި އިދިކޮޅު ފަރާތްތަކަށް ޖެއްސުން ކުރުން ހުއްޓާލުމަށް،" ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ވަނީ ބައެއް މެމްބަރުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރަން ނިންމާފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މެމްބަރުން ބަހައްޓާފައި ހުންނަ ގޮޅިތަކުގެ ހާލަތު ދަށްކަން ވެސް އެ ބަޔާނުގައި ފާހަކުރި އެވެ.

މަޖިލީހުގެ އިދިކޮޅު ފަސް މެމްބަރަކު މި ވަގުތު ތިއްބެވީ ބަންދުކޮށްފަ އެވެ. އެއީ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.

މިދިޔަ ބުދަ ދުވަހު އައިޕީޔޫ އިން ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ގޮވާލައިފަ އެވެ.

އެ ޖަމާއަތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ މެމްބަރުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މަޖިލީހުން ފޮޅާލީމާ މެޖޯރިޓީ ހިފައިގެން އައިސްތަ އެ ނޫސްކޮންފަރެންސް ބާއްވަނީ! ހާދް ވަރުގަދަ މެޖޯރިޓީއެކޭ ތިޔައީ!

  2. ލޮރި ނަޞީރު

    ތިއީ ކަލޭމެން އިދިކޮޅޭމެން ބޭނުންވިގޮތް، ސަރުކާރަށްއޮތް ތާޢީދު ގެއްލުވާލަން އެކަމަކު ތާޢީދުދަނީ ދުވަހުން ދުވަހަށް އިތުރުވަމުން، ކަލޭމެން ބަންގާޅީބަހަށް ތަރުޖަމާކޮށް ރިޕޯޓް ނެރުނަސް ކުރާނެ އެއްވެސް ކަމެއްނޯންނާނެ، ނެރޭއެއްޗެއް ނެރިނެރި ތިބެންޖެހޭނީ