ރާއްޖޭގެ މެދު ތެރެއާއި ދެކުނު ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު އިންޒާރު ނެރެފިއެވެ.

މިއަދު މެންދުރު ފަހު މެޓް އޮފީހުން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، މެދު ތެރެ އާއި ދެކުނުގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މެޓްގެ އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 19:00 އަށެވެ.

އިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަަށް އުދަ އެރުމަކީ އާއްމުކޮށް ވާ ކަމެކެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، މެންދުރުފަހު އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.