އެމްޑީޕީގެ ފުރަތަމަ ޔޫތު ކޮންގްރެސް މި މަހު 31 ގައި ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި އަސާސީ ގަވައިދު އެކުލަވާލާ ފާސްކުރުމުގެ އިތުރުން އާ ލޯގޯއެއް ފާސް ކުރެވިގެންދާނެއެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތިން އަހަރުގެ ތަސައްވުރެއް އެކުލަވާލުމާއި، ނިމިގެން ދިޔަ އަހަރުތަކުގެ ރިޕޯޓު އިއްވުންވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންގްރެސް ޑިރެކްޓަރ އައިކް އަހުމަދު އީސާ ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ޔޫތް ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ، ހުރަވީ ސްކޫލްގައި މިމަހު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

މީގެއިތުރުން މި ކޮންގުރެސްގެ ކުރިން ޒުވާނުންގެ ގޮފީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އަސާސީ ގަވާއިދު ތައްޔާރުކޮށް އެކުލަވާލުމާއި ޕާޓީގެ ޕްލޭނެއް އެކުލަވާލުމުގެ އިތުރުން ކޮންގްރެސް ކުރިއަށް ގެންދިއުމުގެ ޕްލޭނެއް އެކުލަވާލުމަށް ޕްރީ ކޮންގްރެސް ވޯކްޝޮޕެއް މިމަހު 30 ބޭއްވުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިފޯރަމްގައި ރާއްޖޭގެ އެކި ދާއިރާއިން ޒުވާނުން ބައިވެރިވެ، ޒުވާނުން ބާރުވެރިކޮށް ސިޔާސީ މައިދާނަށް އިތުރު ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު