ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗަކީ ދެޓީމުންވެސް ސީޒަންގައި ކުޅުނު ފުރަތަމަ މެޗެވެ. ތަފާތުތަކަކާއެކު ޗެލްސީ އަދި ޔުނައިޓެޑްވެސް ސީޒަނަށް ނުކުތްއިރު، ރޭގެ މެޗު ނިމިގެންދަނީ 4-0ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެގެންނެވެ. 1965 ވަނަ އަހަރަށްފަހު ޔުނައިޓެޑް އަތުން ޗެލްސީ ވެފައިވާ އެންމެ ބޮޑު ބައްޔެވެ.

އަލަށް ޗެލްސީއާ ހަވާލުވި ލެމްޕާޑަށްވެސް "ހަޖަމުކުރަން އުނދަގޫ" ބައްޔެވެ. ޗެލްސީގެ ލެޖެންޑް ލެމްޕާޑާއެކު ރޭ ޗެލްސީން ވި ބައްޔަކީ 2013 ވަނަ އަހަރު ސަންޑަލޭންޑްގެ ކޯޗު ގުސްޓާވޯ ޕޮއެޓަށްފަހު، އަލަށް ނުކުތް ކޯޗެއްގެ ފުރަތަމަ މެޗުގައި ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ. 2013 ވަނަ އަހަރު ސަންޑަލޭންޑް ފުރަތަމަ މެޗުގައި ބަލިވީވެސް 4-0ގެ ނަތީޖާއަކުންނެވެ.

ތާރީހީ ބޮޑު ބައްޔަކުން ލަމްޕާޑް ބަލިވި ނަމަވެސް، މެޗުން އޭނާ ނެގީ ޕޮސިޓިވް ކަންތައްތަކެކެވެ.

" ޓީމުން ވަރަށް ބޮޑަށް ޕުޝް ކުރި. ވަރަށް ގިނަ ފަހަރަށް ބޯޅަ ހޯދަން ކުރިއަށް ޖެހި މެދުތެރެ ޑޮމިނޭޓް ކުރި. އަހަރެމެން މެޗު އެއްކޮށް ކޮންޓްރޯލް ކުރި ނަމަވެސް، މެޗުން ޔުނައިޓެޑް މޮޅުވީ ބޮކްސް ތެރެއިން ކާމިޔާބު ހޯދައިގެން. ޔުނައިޓެޑުން ބޯޅަ ނިންމާލަތް މޮޅީ،" ލަމްޕާޑް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު ސޮލްސްޖާވެސް ބުނީ ހާފް ނިމުނުއިރު ޔުނައިޓެޑް ލީޑުގައި އޮތީ ނަސީބުން ކަމަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީ ރަނގަޅަށް ކުޅުނު ނަމަވެސް ޔުނައިޓެޑުން ލީޑު ނެގީ ޕެނެލްޓީއަކުންނެވެ.

ލަމްޕާޑް ބުނެފައި ވަނީ ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރެވިދާނެ ކަމަށާއި، އޭނާ ޗެލްސީގައި ކުރަމުންދާ މަސައްކަތް އަދި ފެންނާނެ ކަމަށެވެ.

ޗެލްސީއަށް ދެން އޮތީ އިސްތާންބޫލްގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް ޔޫއެފާ ސުޕަ ކަޕް މެޗެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭގައެވެ.