ވިލާ ކޮލެޖުގައި ހިންގާ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާ (އޯޔޫއެމް)ގެ ކޯސްތަކުން 334 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ވިލާ ކޮލެޖުގެ އަށް ވަނަ ކޮންވޮކޭޝަން ރަސްމިއްޔާތުގައި ވިލާ ކޮލެޖުން ބެޗެލާސް ޑިގްރީއާއި، މާސްޓަރސް ޑިގްރީ ހާސިލްކުރި 334 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

ވިލާ ކޮލެޖުގެ ކޮންވޮކޭޝަން ފައްޓަވައި ދެއްވީ، މެލޭޝިއާ އޯޕަން ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ފްރޮފެސާ ޑރ. ދާތޯ މަންސޫރު ފަޒިލްއެވެ.

މިރަސްމިއްޔާތުގެ ތެރެއިން ވިލާ ކޮލެޖް މެޑަލް ހާސިލްކުރި 14 ދަރިވަރަކާއި މެޑަލް ހަވާލުކުރިއިރު، ގާސިމް އިބްރާހިމް އެކްސްސަލެންސް އެވޯޑް ހާސިލް ކުރި 10 ދަރިވަރަކަށް އެ އެވޯޑް ވަނީ ދީފައެވެ. އަދި މީގެ އިތުރުން މިހަފުލާގައި ވަނީ ވިލާ ކޮލެޖު ބުކު ޕްރައިސް ލިބުނު ދަރިވަރުންނަށް އެޝަރަފުވެސް ދީފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހްމަދު އަންވަރު ވިދާޅުވީ، މީގެ 10 އަހަރު ކުރިން ފެށިގެން އޯޔޫއެމް ވިލާކޮލެޖަށް ގިނަ ކޯސްތަކެއް ގެނެސް ރާއްޖޭގެ ދަރިވަރިންނަށް ފެންވަރު ރަނގަޅުކޮށް ކިޔެވޭނެ މަގު ތަނަވަސްކޮށްދީފައިވާކަމަށެވެ. އޯޔޫއެމްގެ އެހީގައި އެތައް ހާސް ކުދިންނަށް ވިލާކޮލެޖްގެ ކުޑަދަށުގައި ކިޔަވާ ނިމިފައިވާކަމަށްވެސް ޑރ އަންވަރު ފާހަގަކުރެއްވިއެވެ. އަދި މި ކުދިން ވެގެންގޮސްފައި ވަނީ ރާއްޖޭގެ ޑެވެލޮޕްމެންޓަށް އެކި ގޮތް ގޮތުން އެހީތެރިވެދޭނެ ފެންވަރުގެ ކުދިންނަކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްދާނީ އެގޮތުގައިކަމަށް ޑރ އަންވަރު ފާހަގަކުރެއްވިއެވެ.

އަންވަރު ވިދާޅުވީ، ގާސިމް އިބްރާހިމް އުފެއްދެވި އެ ކޮލެޖްގެ ސަބަބުން ރާއްޖެއަށް ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއް ގެނެސްދެވިފައިވާކަމަށެވެ.

އަދި ވިލާކޮލެޖުން ކިިޔަވާދިނުމުގައިވެސް ބޭނުންކޮށްފައި ވަނީ ޒަމާނީ ވަސީލަތްތައް ކަމަށާއި، އެއި ދަރިވަރުންނަށް އެންމެ ރަނގަޅު ތައުލީމް ފޯރުކޮށްދިނުމަށް ކުރެވުނުކަމެއްގެ ގޮތުގައި ރެކްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރު އޮންލައިން ޕްލެޓްފޯމެއްގެ ދަަށުން އަމިއްލަ ރަށުގައި ހުރެގެންވެސް ކިޔެވޭނެ ނިޒާމެއް ގާއިމްކޮށްފައިވާކަމަށް އަންވަރު ވިދާޅުވިއެވެ.

އިތުރަށް ޑރ. އަންވަރު ވިދާޅުވީ، އްޖޭގެ ތައުލީމީ ހަޔާތުގައި ގިނަ ކާމީޔާބީތަކެއް ވިލާކޮލެޖުން ހޯދާފައިވާކަމަށެވެ.