ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ރާއްޖޭގެ ޒުވާނުން ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އެތަކެއް ފަރުދުން ބާރުވެރިވެ ރާއްޖެއަށް އުޖާލާ އަދި ފާގަތި މުސްތަގުބަލެއްގެ ބިންގާވަނީ އެޅިފައި ކަމަށް ވިލާ ފައުންޑޭޝަނުން ބުނެފިއެވެ.

ދުނިޔޭގެ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ވިލާ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުވާން ޖީލުގެ ކުޅަދާނަކަމާއި ގާބިލުކަން ދެމެހެއްޓުމަށް އެތަކެއް ޖަމިއްޔާތަކާއި ކުންފުނިތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން ބަލާއިރު އެ ފައުންޑޭޝަނަކީ އެކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

ގާސިމްގެ އިރުޝާދުގެ ދަށުން ވިލާ ގްރޫޕް ރާއްޖޭގައި މަސައްތްކުރާތާ ގާތްގަނޑަކަށް 40 އަހަރު ވާ އިރު ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމަށް އެ ގްރޫޕުން ބޮޑު އިސްކަމެއްދޭ ކަމަށް ބަޔާނުގައިވެއެވެ. ބަޔާނުގައި ބުނީ ސްކޮލާޝިޕްތަކާއި، ގްރާންޓްތަކާއި އެހެނިހެން ފުރުސަތުތަކާއި އެކު ޒުވާނުންގެ މުސްތަގްބަލު ފަހިކޮށްދީ މުޖްތަމައުގައި ލީޑަރުން ބިނާކުރުމަށް ވިލާ ގްރޫޕުން ވަނީ އެތަކެއް މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

"މި ފައުންޑޭޝަނަކީ އުފެދުނީއްސުރެ ޒުވާނުންނަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމުކަން ދެނެގަންނަ ޖަމިއްޔާއެއް. އަދި މިއީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ބޭނުންވާ އަސާސީ އެހީ ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހުންނަ އެއް ޖަމިއްޔާއެއް. އެގޮތުން ޑޮކްޓްރީކަން، ވަކީލުކަން، ސައިންސް، އިންޖިނިއަރިންގް، އެކައުންޓިންގް، ގަވަނިންގް، މަސްވެރިކަން އަދި ހޮސްޕިޓަލިޓީ ފަދަ އެކި ސިނާއަތްތަކަށް އަމާޒުކޮށް މާލީ އެހީތެރިކަން ވަނީ ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދީފައިވޭ." ބަޔާނުގައިވެއެވެ.

ރާއްޖޭގައި ހިންގާ ކޯސްތަކަށް އެހީތެރިކަން ދިނުމުގެ އިތުރުން ވިލާ ފައުންޑޭޝަނުން ވަނީ 30 އަށް ވުރެ ގިނަ ޤައުމުތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މަގުފަހިކޮށްދީފައިކަމަށާއޮ ނަތީޖާއަކީ އެކި ދާއިރާތަކުން އިލްމު އުނގެނިގެން ތިބި މޮޅު ދަރިވަރުން އެ ހާސިލްކުރި ހުނަރާއި ތަޖުރިބާއާއި އެކު އަނބުރާ ރާއްޖެ އައިސް ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޒުވާނުން ތަރައްގީ ކުރުމަކީ ހަމައެކަނި ވިލާ ފައުންޑޭޝަނުން ބާރުއަޅާ ކަމެއް ނޫންކަމަށާއި އެއީ މުޅި ވިލާ ގްރޫޕުންވެސް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެނދާ މަސައްކަތެކެއް ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން ވިލާ ކޮލެޖާއި ވިލާ އިންޓާނޭޝަނަލް ހައި ސްކޫލް އުފެއްދީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އިލްމު އުނގެނުމާއި ކުރިއެރުމުގެ ސަގާފަތެއް އާލާކޮށް، ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ ތަސައްވުރު ބޮޑު ލީޑަޝިޕާއި ވިލާ ގްރޫޕުން ރާއްޖޭގެ ޒުވާނުން ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އެތަކެއް ފަރުދުން ބާރުވެރިވެ ރާއްޖެއަށް އުޖާލާ އަދި ފާގަތި މުސްތަގުބަލެއްގެ ބިންގާވަނީ އެޅިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިމުހައްމަދު

    އާދެ އާދެ ފާގަތި މުސްތަގުބަލެއް އެޅުނީ ޒުވާނުންނަކަށް ނޫން. ފާގަތި މުސްތަގުބަލެއް އެޅުނީ އެމަނިކުފާނުގެ ޖީބަށް. ޒުވާނުންނަށް ލިބޭހައި ލާރިއެއް ދައްކައިގެން ސެޓުފިކެޓް ގަނޑެއްވެސް ލިބެނީ. އެވެސް އެހާ އަގުބޮޑުކޮށް. އެބިމެއްވެސް ނެގީ ސްކޫލެއް ހިންގަން. އެކަމަކު ލާރިޔާހެދި ބޮޑުބައިގައި ހިންގައި ކޮލެޖެއް.

  2. ކޮމާކޯޅި

    ޗރު ގާސިމް ބޭނުމެއް ނޫން