ވިލާ ގްރޫޕްގެ ސީއެސްއާރް ގޮފި ކަމަށްވާ ވިލާ ފައުންޑޭޝަންއާއި ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން ކޮންމެ އަހަރަކުވެސް ނަރުސްކަން ކިޔަވަން ބޭނުންވާ ތިން މީހުންނަށް ސްކޮލަރޝިޕް ދޭން ނިންމާފިއެވެ.

މި ސްކީމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަސް ކަމަށްވާ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހަށް އަމާޒުކޮށްގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ނަރުހުން ހިދުމަތް ދޭން ފެށީ މީގެ 75 އަހަރު ކުރިންނެވެ.

ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވީ ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން މި ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމަކީ ވިލާ ފައުންޑޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "ނަރުހުންނަކީ ސިއްހީ ނިޒާމުގެ މުހިންމު ބައެއް، އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި ނަރުހުންގެ ދައުރަކީ ނުހަނު މުހިއްމު ދައުރެއް. މި ސްކޮލަޝިޕް ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ފަހިވެ ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި މަސައްކަތެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރަން" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މީގެ ކުރީގައިވެސް ވިލާއިން ވަނީ ދިވެހި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ރާއްޖޭގައި އިތުރު ކުރުވުމަށް ސްކޮލާޝިޕްތައް ދޫކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ބޭނުންވަނީ ދިވެހިން މި ދާއިރާއަށް އިތުރުކުރުވަން ކަމަށާއި ނަރުހުންގެ އަހަރީ ދުވަހާއި ގުޅުވައިގެން ދޭން ފަށާފައިވާ ޑިޕްލޮމާ އިން ނަރސިންގެ ސްކޮލާޝިޕަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ކުޑަކުޑަ ފިޔަވަޅެއް ކަމަށެވެ.

މިހާރު ދޭން ހަމަޖެހިފައިވާ ސްކޮލާޝިޕްތަކުގެ ކާމިޔާބީއަށް ބަލާފައި ކުރިއަށް އޮތް ތަނުގައި މި ސްކޮލާޝިޕްތަކަށް އިތުރު ކޮމްޕޯނެންޓްއެއް ތަޢާރަފްކުރެވިގެންދިއުމުގެ އިތުރުން ސްކޮލާޝިޕް އަދަދުތައް އިތުރުކުރެވުމުގެ އުންމީދެއް އޮތް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޝިފާނާ ވިދާޅުވީ ވިލާ ފައުންޑޭޝަނާ ގުޅިގެން މި ސްކޮލަޝިޕް ސްކީމް ތައާރަފް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގައި ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

މި ސްކީމްގެ ދަށުން ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިން ކޯސް ހަދަމުންދާ ދަރިވަރުންނަށް އަހަރަކު ތިން ސްކޮލަޝިޕް ލިބޭއިރު، އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕް އަދި ފިރިހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން އެއް ސްކޮލަޝިޕް ލިބޭނެއެވެ.

ނަރުހުންގެ ސްކޮލަރޝިޕްގެ އިތުރު މައުލޫމާތު ހޯދުމަށް ވައިބާރ، ވަޓްސް އެޕް، ޓެލެގްރާމް ނުވަތަ އެސްއެމްއެސް ގެ ޒަރިއްޔާއިން 7547887 އަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3

    އަހަރަކު 3 ނެކޭ؟؟ ކާސިމް ކެމްޕޭނައްވެސް މިލިޔަނުން ހަރަދު ކުރޭ. ތިނެއް ނަރުސް؟؟

  2. އަލީ

    އޭ ސޭޓާ! ފުރަތަމަ ކަމަކަށް މުވައްޒަފުންނަށް ހަމަޔަށް މުސާރަ ދީބަލަ! މުވައްޒަފުންނަށް މުސާރަ ނުދީ ކުރިމަތިލިޔަސް ވޯޓެއް ނުލިބޭނެ.

    1
    1
  3. ޢަލީ

    މިހާރުވެސް ދޭންބުނި ޑިގްރީ ނަރސިން ސްކޯލަރ ޝިޕް ގެ ހަބަރެއްނުވެ. ޚުދިން ފޯރމް ލާފަ ތިބެންޖެހެނީ. 1 ސެމްސްޓްރަ ނިމެނީ މިހާރު.