ތިން ރަށެއްގައި ޢިމާރަތް ކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި ތިން މަޝްރޫއަކީ ވެސް ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެވެ.

އިއްޔެ ސޮއި ކުރީ އ.ދ މަހިބަދޫ (އދ. އަތޮޅު ތައުލީމީ މަރުކަޒުގައި) ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 16 ކްލާސްރޫމް އިމާރާތުގެ ކޮންޓްރެކްޓާއި، އއ. ތޮއްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް ތިންބުރި އިމާރާތުގެ ކޮންޓްރެކްޓާއި، ހދ.ވައިކަރަދޫ (ހދ. އޮތޮޅު މަދުރަސާ) އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް ތިންބުރި އިމާރާތުގެ ކޮންޓްރެކްޓްގައެވެ.

އ.ދ އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކުރެވިފައިވަނީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ކުރިއަށް ދިޔަ މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމެވެ. އަދި ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.

ތިން ރަށެއްގައި ޢިމާރަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

މިއެއްބަސްވުމަކީ 10.9 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ. މި އިމާރާތުގެ މަސައްކަތް ނިންމައިދެއްވުމަށް އެދިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

އއ. ތޮއްޑޫ ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް ތިންބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ކުރިއަށް ދިޔަ މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމެވެ. އަދި ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އޮފިސަރ މެނޭޖަރ ފާތިމަތު ލައިސާ ލަތީފް އަފްސަލް ސައީދެވެ.

ތިން ރަށެއްގައި ޢިމާރަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

މިއެއްބަސްވުމަކީ 7.3 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ. މި އިމާރާތުގެ މަސައްކަތް ނިންމައިދެއްވުމަށް އެދިފައިވަނީ 360 ދުވަހުގެ ތެރޭގައެވެ.

ހދ. އަތޮޅު މަދުރަސާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް ތިންބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކިއު.ވަން މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހިމެވެ. ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ އަފްސަލް ސައީދެވެ.

ތިން ރަށެއްގައި ޢިމާރަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

މިއެއްބަސްވުމަކީ 7.7 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ. މިނިސްޓްރީން މި އިމާރާތް ނިންމައިދެއްވަން އެދިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

މި ތިން މަޝްރޫއު ނިންމާލުމާއެކު އެ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހިމް ވިދާޅުވިއެވެ. ނައުޝާދު ވިދާޅުވީ މިއަހަރު ޕީ.އެސް.އައި.ޕީ އިން ތައުލީމީ ދާއިރާއަށް ކަނޑައެޅުނު ބަޖެޓަކީ 246 މިލިއަން ރުފިޔާ ކަމަށެވެ.

2019 ވަނަ އަހަރު ޕ.އެސް.އައި.ޕީގެ ތެރެއިން 2019 ވަނަ އަހަރު މުޅިން އަލަށް ފަށާ 37 ޕްރޮޖެކްޓް އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ 3 ޕްރޮޖެކްޓް ހިމެނޭ، އެއީ 253 ކްލާސްރޫމް 22 މަލްޓިޕާރޕޯސް ހޯލް، 4 ލައިބްރަރީ، 16 ސްޓާފްރޫމް، 15 ސައިންސްލެބް، 362 ފާހާނާ، 45 އެކްސެސިބަލް ފާޙާނާ އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން 215 އުމްރާނީ ވަސީލަތް ހިމެނޭ ކަމަށް ނައުޝާދު ވިދާޅުވިއެވެ.

2019 ޕީ.އެސް.އައި.ޕީ އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ ޖުމްލަ 40 ޕްރޮޖެކްޓްގެ ތެރެއިން މިއަދު ސޮއިކުރެވުމު 3 ޕްރޮޖެކްޓް ހިމަނައިގެން މިހާތަނަށް 16 ޕްރޮޖެކްޓް ކޮންޓްރެކްޓް ކޮށް ކޮންޓްރެކްޓާއި ހަވާލު ކުރެވި އަދި 2 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ނައުޝާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު