ކޮންމެ ދާއިރާއަކުން ޚިދުމަތްކުރި ނަމަވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށް ނައިބު ރައީސް ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް ފައިސަލް މިކަމަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ފައިޞަލް ވިދާޅުވީ، ކޮންމެ ދާއިރާއަކުން ޚިދުމަތްކުރިނަމަވެސް، ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ކުރިއަށްނެރެ، ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ވިސްނަންޖެހޭކަމަށެވެ. އަދި ކޮރަޕްޝަނާއި ފަސާދައަކީ މިއަދު ކޮންމެ ދާއިރާއަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވާ، އިންސާނާގެ ނަފްސު އިސްލާޙުކޮށްގެން މެނުވީ އެފަދަ ކަންކަން ނައްތާނުލެވޭނެކަމަށާއި، މާދަމާ ޤައުމު ހިންގުމާއި ހަވާލުވާންތިބި ދަރީންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ކަސްޓަމްސްއިން ކުރަމުން އަންނަނީ މުހިންމު އަދި ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި އެ މަސައްކަތްތަކުގައި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ދެމި ތިއްބެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޚިދުމަތްދިނުމުގައި ހަމަހަމަ ކަމާއެކު އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ވީހާވެސް ހަލުވިމިނެއްގައި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޙަފްލާގައި، ނައިބު ރައީސް ވަނީ ކަސްޓަމްސް އޮފިސަރުންގެ ތެރެއިން ޑަބްލިއު.ސީ.އޯ މެރިޓް ސެޓްފިކެޓް ހާޞިލުކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އަދި ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށްފައިވާ ލޯގޯ މި ޙަފްލާގައި ނައިބު ރައީސް އިފްތިތާޙް ކޮށްދެއްވިއެވެ.

ނައިބު ރައީސް މިޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި ހދ. ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި ނިޔާވި 5 ބޭފުޅުންގެ އާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.