ސިއްހީ ބޮޑު މައްސަލައެއް ހުރުމުން ވިސާ އިތުރުކޮށް ނުދީ އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލަން އުޅޭ ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާއަށް ވިސާ ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އޮސްޓްރޭލިއާ ސަރުކާރުގައި މިއަދު އެދިއްޖެއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ އެކު ބޭއްވެވި ބައްދަލުވުމުގައި އިންސާނިއްޔަތު ކަމުގެ ނަޒަރުން ވިސްނާވަޑައިގެން ކައިބާން ޖަމްޝީދަށް ވިސާ ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށާއި، ޝާހިދުގެ ފަރާތުން އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރ މެރިސް ޕޭންއަށް ފޮނުއްވާ ސިޓީއެއް ރިޗަޑްގެ އަތްޕުޅަށް އަރުވާފައިވާ ކަމަށެވެ.
I discussed with Richard Maude, Deputy Secretary of Australian DFAT, President Solih’s letter to Prime Minister @ScottMorrisonMP & my letter to FM @MarisePayne requesting Australian govt to grant visa on humanitarian grounds to Kayban Jamsheed. pic.twitter.com/W5QMx9mK5K
— Abdulla Shahid (@abdulla_shahid) September 4, 2019
އާއިލާ އާއި އެކު އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ. ނަމަވެސް އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ކައިބާން އަށް މިހާތަނަށް ވެސް ހުރިހާ ޚަރަދެއް ކުރަމުން އައީ އާއިލާ އިންނެވެ.
ކައިބާންގެ މަންމަ ޝިޒްލީން "އެސްބީއެސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދަރިފުޅު ރާއްޖެ ފޮނުވާލައިފިނަމަ އެކަށީގެންވާ ފަރުވާއެއް ނުދެވި ދަރިފުޅު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ދަރިފުޅަށް އެކަށީގެންވާ ފަރުވާއެއް ރާއްޖެ އިން ނުދެވި، ދަރިފުޅު މަރުވުމުގެ ފުރުސަތު އެބައޮތް. އަދި އޭނާގެ 11 އަހަރުގެ ބޭބެ ހާލިލް އާއި ފަސް އަހަރުގެ ކާރާ އާއި ވަކިވާން ވެސް ޖެހޭނެ. އަހަރެމެންނަކަށް ނެތް އޭނާ ގައުމަށް ގެންދެވޭނެ ގޮތެއް. އެއީ އެކަށީގެންވާ ފަރުވާއެއް އަހަރެމެންގެ ގައުމުގައި ދެވެން ނެތުމުން." ޝިޒްލީން ބުންޏެވެ.
ކައިބާން އަށް މިހާރު ވެސް ކޮންމެ ހަފްތާއަކު ބާންބެރީ ހޮސްޕިޓަލުން ޕްރޮފިޒިސް ފަރުވާ ދޭން ޖެހެއެވެ. އަދި ޕާތް ޗިލްޑްރެންސް ހޮސްޕިޓަލުން ކޮންމެ ދުވަހަކު ދެފަހަރަށް ފިޓް ޖެހުމަށް ފަރުވާ ހޯދަން ޖެހެއެވެ.
ކައިބާން އަށް ވިސާ ނުދޭން އޮސްޓްރޭލިއާ އިން ނިންމި މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ. އެމައްސަލަ މިމަހު ފަހުކޮޅު ނިންމާނެ ކަމަށް ބެލެވެއެވެ.
ކައިބާނަށް ވިސާ ހަމަޖައްސައިދިނުން އެދި ގިނަ ފަރާތްތަކަކުން ދަނީ މީސް މީޑިއާގައި ކެމްޕޭންތައް ވެސް ހިންގަމުންނެވެ.
މިސަރުކާރުން މިނިސްޓާރ އަބްދުﷲ ޝާހިދު އާއި ނުލާ ހަމަޖެހޭނީ ފަރައް ދާން. އަންނި ކިތަންމެ ރޫޑިއެރިނަމަވެސް އަދި ނެތް ތިޔަ ބައިގަނޑުގެ ތެރޭގައި ޝާހިދުގެ ރިޕްލޭސްއެއް.