އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެދެމީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ ގެއެއްގައި ބަނގުރާ ކައްކައި، އެބޭނުންކުރަމުންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކުށުގެ ވެށިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ބަލައިފާސްކުރި ގޭގެ ކޮޓަރިއެއްގެ ތެރެއިން ބަނގުރާކ އަޅާފައިހުރި 500 އެމްއެލްގެ ފުޅިއަކާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާކަަމަށް ފުލުހުން ވިދާޅުވިއެވެ.

ހިތަދޫ ކޯޓުން މި ދެ މީހުން ބަންދު ކޮށްގެން މައްސަލަ ކުރިއަށްގެންދިއުމަށް 15 ދުވަސް ދީފައިވާއިރު، ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.