ހައްގުތައް ނިގުޅައިގެނެ، ހަނިކޮށްގެން ގާއިމު ކުރެވޭނެ އިންސާފެއް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ، އިންސާފު ގާއިމު ކުރުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ހައްޤުތައް ނިގުޅައިގަނެ، ހަނިކޮށްގެން ޤާއިމްކުރެވޭނެ އިންސާފެއް އަދި މަސްލަހަތެއް ނޯންނާނެ ކަމަށެވެ.

"ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިހުރީ ހަމަ އެ ދިމާލަށް. މިފަހަރު ވެސް އަމާޒަކީ ދީނަށް އުޅޭ މީހުންބާ؟" ޖަމީލު ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން އިސްލާހްތަކުގެ ތެރޭގައި، ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމަކީ ކުށެކެވެ.

މި ކުށް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެ ފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލުފާޅުކުރުން އެއީ ކުށެއް ކަމަށް ބިލްގައިވެ އެވެ.

ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތަކަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ފާޅުގައި ތާއީދުކުރާ ފަރާތަކަށް ވާހަކަ ދެއްކުމުގެ ނުވަތަ ތަގްރީރު ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެފަދަ ބައްދަލުވުމެއް ރޭވުން ނުވަތަ އިންތިޒާމް ކުުރުން ނުވަތަ ރޭވުމުގައި ނުވަތަ އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ.

އަދި ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމަށް ގޮވާލުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށް ބާއްވާ ބައްދަލުވުމެއްކަން އެނގި ހުރެ، އެ ބައްދަލުވުމުގައި ވާހަކަ ދެއްކުން ނުވަތަ ތަގްރީރު ކުރުމަކީ ވެސް ކުށެއްގެ ކަމަށް ބިލްގައި ވެއެވެ.