އަންނަ އޮގަސްޓްމަހުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ރަންވޭ ސްޓްރިޕް ލެވެލް ކުރުމުގެ 30 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިގޮތަށް މަސައްކަތްތަށް ކުރެވެމުންދާނަމަ އޮގަސްޓް މަހުތެރޭގައި އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ރަންވޭ ސްޓްރިޕް ލެވެލް ކުރުމުގެ 30 އިންސައްތަ މަސައްކަތް ނިމިއްޖެ، މިގޮތަށް ކުރިއަށް ދާނަމަ އޮގަސްޓް މަހު އެއާޕޯޓް ނިންމާލުމަށް ޓާގެޓް ކޮށްފައި އޮތީ." އޮފިޝަލް ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްޓީސީއަށް ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ކުޅިން ޗަކަނެގުމާއި ވެލިއަޅާ އެއްވަރުކުރަމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ފެބްރުއަރީމަހުގެ ތެރޭގައި އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ރަންވޭ އެޅުމުގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓުގެ ޓެކްސީވޭ އާއި އޭޕްރަން ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ކުޅުދުއްފުށި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއާޕޯޓްގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރީ 53.9 މިލިއަން ރުފިޔާ އަށް 160 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ކުޅުދުއްފުށީގައި އަޅާ ރަންވޭގެ ބޮޑު މިނުގައި 1.2 ކިލޯ މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މި އަހަރުގެ އޮގަސްޓު މަހުގައި ފުލައިޓް ޖައްސަން ފަށާނެ ކަަމަށް ރައީސް ޔާމީން ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމީޜު

    ކޮބާ ފަރެސްމާތޮޑާ ގަ އަޅަން ބުނި އެއަޕޯޓު

  2. އެއަރ

    ކުރެވިއްޖެއްޔާ ރަގަޅު މަގޭވޯޓް ދޭނަން ،، އިތުރު ވޯޓް ހޯދަން މަސައްކަތްވެސް ކޮށްދޭނަން.......

  3. ޙަފްޞާ / މާލެ

    މަގުތަކުގަ ތާރުއެޅިއްޖެ! ފާޚާނާ ، ފެން ދެވިއްޖެ! ބަދަރު އަޕްގްރޭޑްކޮށްފި! ހޮސްޕިޓަލް އެދަނީ ރަގަޅުވަމުން! އެޔަރޕޯޓެއްގެ ޚިދުމަތް ގާތްވެއްޖެ! އެކަމަކު ކުޅުދޫއްފުށި މީހުންނަކީ އޮޅިފައޮތް ބައެއްނޫ! އެގިދާނެތާ ޚިދުމަތް ބަލާގެންވަރާ އެކަމަށް ޝުކުރުކުރި މިންވަރެއް!!!

  4. ހޮސްޕިޓަލް

    ފާޚާނާ ހޮޅިއެޅީ ރައީސް މައުމޫނު ތަކެތިގެނައިމަ ރައީސް ނަޝީދު ،، ހޮސްޕިޓަލްގެ ހާލަތު ރަގަޅެއްނޫ ،، މަގު އެބަހަދާ އެއަރޕޯޓް މަސައްކަތްވެސް އެބަހިގާ ،، އެކަށީގެންވާގޮތެއްގަ ،، އެއްވެސްމީހަކު ނުކުރާކަމެއް ކުރިކަމަށް ބުނެގެންނުވާނެ ،، ވ. ޝުކުރު .