މައުލޫމާތު އޮޅުވާލައިގެން ރާއްޖެ އައިސް، އައްޑޫ ކުލިނިކެއްގައި މަސައްކަތް ކުރަމުންދަނިކޮށް ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް 13 ދުވަސް ޖަހައިފި އެވެ.

ގްރްޖާޖް ކިޝޯރް ނަމަކަށް ކިޔާ މީހާ ވަނީ ވަގު ޕާސްޕޯޓެއްގައި އޭނާގެ އަސްލު ނަން ނޫން އެހެން ނަމެއްގައި ރާއްޖެ އެތެރެވެފައި ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އައްޑޫ ގައި ހުންނަ މެޑިކަލް ކްލިނިކެއްގައެވެ.

އިންޑިއާގެ ބެންގަލޫރުގެ މި މީހާއަކީ 2006 ވަނަ އަހަރު މީހަކު މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފައިވާ މީހެކެވެ. ބާސްކަރު ސްރިވަސްތާގެ ނަމުގައި ހަދާފައިވާ ޕާސްޕޯޓެއްގައި އައްޑޫގައި މަސައްކަތް ކުރަމުން އަންނަ މި މީހާގެ އަސްލު ނަމަކީ ގުރުރާޖު ކިޝޯރު ކަމަށް އައްޑޫ ގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "އޭއޯ ނިއުސް" އިން ބުނެއެވެ.

އިންޑިއާގެ ދި ހިންދޫ ގައި 2006 ވަނަ އަހަރުގެ ރިޕޯޓު ކޮށްފައިވާ ޚަބަރުގައި ބުނާ ގޮތުން ގުރުރާޖު ވަނީ އޭނާ ރައްޓެހިވެގެން އުޅޭ ތާނިޔާ ބަނާޖީ މަރާލި ކަމަށް އެއްބަސްވެފައެވެ.

އޭނާއަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގައި މީހަކު މަރާލި ކަމުގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީހަކު މަރާލިކަމަށް އަމިއްލަ އަށް އިއުތިރާފުވެފައިވާ މީހެކެވެ.

ތާނިޔާ މަރާލުމަށް ފަހު އޭނާވަނީ ތާނިޔާގެ ހަށިގަނޑު ޝިރާދީ ހަޓްސް ކިޔާ ސަރަހައްދަކަށް އެއްލާލާފައެވެ. އަދި ތާނިޔާގެ ފޯނު ނަގައި އޭނާގެ 2 ރައްޓެއްސަކަށް މިދަނީ ކަލްކަތާއަށް ކަމަށް ބުނެ މެސެޖް ކުރި ކަމަށް ވެސް ގުރުރާޖު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަދީން

    އަނެއްކާ ތިސޮރު އައްޑޫން ކުއްޖަކާ ރައްޓެހިވެގެން ނޫންބާ އުޅެނީ

  2. އެއްމެން

    ދޮގާ މަކަރު ހެދުމަކީ މިހާރަކަށް އައިސް އާންމުވެ ދިރިއިޅުމުގައި ކުރަންޖެހޭ ކަންތައްތައް ކާމިޔާބު ކުރަން ބޭނުންކުރާ ހުނަރެއްގެ ގޮތުގާ ދެކެން ފަށާފައެވެ. މިއީ ވަރށް ސުންޕާ ބައްޔެކެވެ. އޮޅުވާލައިގެން ރާއްޖެ އައިސް މިގައުމަށް އެތެރެވެ ފައިވާ ތިޔަމީހާ އިންޑިޔާ ސަރުކާރާ ހަވަަލު ކުރާށެވެ. އެހެން އެކަންކުރަން ދަތިވަކަމަށް ވައްޏާ މިގައުމުން ވަގުތުން ބޭރުކުރާށެވެ.