މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ގުޅޭ މަޢުލޫމާތު ސިޔާސީ ޕާޓީތަކާ ހިއްޞާކުރުމަށާއި، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޔާސީ ޕާޓީތަކާއެކު މިއަދު ބާއްވަން ހަމަޖައްސާފައިވާ ބައްދަލުވުން އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް "ވަގުތަށް" ވިދާޅުވީ، ސިޔާސީ ޕާޓީތައް މޮނިޓަރކޮށް ރެގިއުލޭޓް ކުރުމާއި، ރިޔާސީ އިންތިޚާބުގެ މަޢުލޫމާތު ހިއްޞާކުރުމަށް މިއަދު ބާއްވަން ތާވަލުކުރި ބައްދަލުވުން އަންނަ ހަފްތާއަށް ފަސްކޮށް އެކަން ސިޔާސީ ޕާޓީތަކަށް އަންގާފައިވާނެކަމަށެވެ.

ނަމަވެސް މި ބައްދަލުވުން ކުއްލިގޮތަކަށް ފަސްކޮށްފައިވަނީ ކީތްވެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކޮންމެ ސިޔާސީ ޕާޓީއަކުން އިސް ދެބޭފުޅުންނާއި، ޕާލިމަންޓަރީ ގްރޫޕްގެ ދެ މެންބަރުންނަށް ފުރުޞަތުދީގެން ބާއްވަން ރާވާފައިވާ މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސިޔާސީ ޕާޓީތަކާއި ހިއްޞާކުރެވިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވަނީ މީގެކުރިން ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަކީ ރިޔާސީ އިންތިޚާބުގެ އެންމެ މުހިއްމު ސްޓޭކްހޯލްޑަރުންނަށްވާތީވެ، އިލެކްޝަންސް ކޮމިޝަނުގެ މަޤްޞަދަކީ އިންތިޚާބާއި ގުޅުންހުރި ހުރިހާ މަޢުލޫމާތެއް ވީއެންމެ އަވަހަކަށް ދުރާލާ ސިޔާސީ ޕާޓީތަކާ ހިއްޞާކުރުން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، މިނިވަން، އިންސާފުވެރި، ހާމަކަންބޮޑު އަދި ރައްޔިތުންނަށް ފަސޭހަ އިންތިޚާބެއްގެ ގޮތުގައި ބޭއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނަށް އެބައޮތްކަމަށް އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.