މާލޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އަނދާފައިވާ އުޅަނދުތަކާއި ގެއްލުންވި އުޅަނދުތައް ގެންގޮސް އެތަކެތީގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ރޭގެ ހާދިސާގައި ގެއްލުންވި އުޅަނދުތަކާއި އަނދާފައިވާ އުޅަނދުތައް ތަހުގީގީ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ވެރިފަރާތްތައް ހޯދައި ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު ރޭގެ ހާދިސާގައި ގިނަ އަދަދެއްގެ އުޅަނދުތަކަށް ގެއްލުންވެފައިވެއެވެ. އެގޮތުން އަލިފާން ރޯވި ގެ ހުރި ސަރަހައްދުގެ މަގުގައި އެވަގުތު ހުރި ހުރިހާ ސައިކަލުތަކެއްހެން ވަނީ އަނދައި ހުލިވެފައެވެ. އަދި ބައެއް އުޅަނދުތަކަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ.