އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކު ނެރެން ބޭނުން ނަމަ ނެރެންވީ ކަމަށާއި ނަމަވެސް އެކެންޑިޑޭޓަކަށް ލިބޭނީ ދިހަ ވޯޓް ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ހައްދުއްމަތީ ގަމުގައި މިރޭ ބެއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާހް ވިދާޅުވީ މިރޭ ގަމުގައި ބާއްވާ ޖަލްސާގެ މަންޒަރު އެމްޑީޕީ މެންބަރުންނަށް ފެނިއްޖެނަމަ އެމްޑީޕީ މެންބަރުންގެ އަރާމު ނިދި ގެއްލޭނެ ކަމަށާއި އެއީ ޖަލްސާގައި މީހުން ގިނަ ކަމުން ކަމަށެވެ.

"މިހައި ގިނަ މީހުން އެއްވެފައި އޮތް ޖަލްސާއެއް އަތޮޅުތެރޭގެ ރަށަކުން އަޅުގަނޑު ނުދެކެން" ފަލާހް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ "އިހައްދުވަހު ވިދާޅުވެއްޖެ ތިމަންގެ ޕާޓީ އިން އަންގައިފިއޭ ތިމަންނާ ރާއްޖެ އައިސްގެން ނުވާނެއޭ. އެހެންވީމާ އެމްޑީޕީ އިން ވެސް ނަޝީދު ރައީސް ކަމަށް ކުރިމަތިލާން މިހާރު ބޭނުމެއް ނުވޭ. ނަމަވެސް އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާށޭ. ނަޝީދު ވަޑައިގަންނަވާއިރަށް ގައިދީއެއްގެ ޓިކެޓް އަޅުގަނޑުމެން ދޭނަމޭ."

ފަލާހް ވިދާޅުވީ ރައީސް ނަޝީދާއި ރައީސް މައުމޫން ޖަލުގައި ތިއްބަވާ ގޮޅީގައި ވެސް ރިޔާސީ އިންތިޚާބުގައި ވޯޓް ފޮއްޓެއް ބަހައްޓާނެ ކަމަށާއި "އެވޯޓް ފޮއްޓަށް ނަޝީދު މައުމޫނަށް. މައުމޫން ނަޝީދަށް ވޯޓް ލީމާ އެކަން އެނިމުނީ. ދެން ދެބޭފުޅުން ތިއްބަވަންވީ އެތަނުގައި. އެތަނުގައި އެބަހުރި ބަގީޗާ ހެއްދެން. އުނދޯލިގެއެއް ވެސް އެތަނުގައި އެބަހުރި" ކަމަށެވެ.

ގާސިމް އިބްރާހިމް އަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ ގާސިމްގެ މައްސަލަ ނެތް ކޯޓެއް މި ސަރަހައްދުގެ ގައުމެއްގައި ވެސް ނެތް ކަމަށެވެ. "އިންޑިއާ ކޯޓްތަކާއި ލަންކާ ކޯޓްތަކުގައި ވެސް އޭނަގެ މައްސަލަތައް އެބަހުރި. ރާއްޖޭގެ ކޯޓްތައް މިހިރީ އޭނަގެ މައްސަލަތަކުން ބަރާވެފައި،" ފަލާހު ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ގާސިމްެ މައްސަލަތައް ގިނަ ކަމުން ގާޒީންނަށް ޗުއްޓީ ނެގެން ވެސް ނެތް ކަމަށެވެ. "މީނާ ދައްކަން އެބަ އޮތް އެތައް ސަތޭކަ މިލިއަން ޑޮލަރެއް. އެއްޗެހި ހޭދަކޮށްގެން ރައްޔިތުން އުފައްދާފައި އޮތް ސަރުކާރެއް ވައްޓާލަން މަސައްކަތް މި ކުރަނީ. އަޅުގަނޑު ދަންނަވާލަން އޮތީ އެކަމެއް ނުވާނޭ." ފަލާހް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަލިފުޅު

  ހަމަ ޤާއިމުވެސް މަށާއި މަގޭ އަންހެނުންގެ ވޯޓް ލިބޭނެ.

 2. Anonymous

  މީ އަޅެފަހެ މޮޔައެއްތަ

 3. އަލްޖިބްރާ

  ކަލޭމެނާއި އިދިކޮޅަށް ވެރިކަމަށް ކުރިމަތިލާނެ މީހަކު ނުބަހައްޓާ އެންމެން ޖަލަށް ލީމަ 10ވޯޓުވެސް ނުލިބޭނެ ! މިކަން ކުރެވޭތޯ ބަލާ !

 4. ހަހާ

  މަހަށް ނުދަންދޯ މަހަށްދޭބަލަ.

 5. ޝާމިން

  މަށަކަށް ހިޔެއް ނުވޭ މީ ބޯ ހަމަޖެހޭ މީހެއްހެނެއް...