މާލޭގައި ހަދަމުން ދިޔަ، މާފަންނު ނަލަހިޔާ މަންޒިލް އިމާރާތުން ސިމެންތި ބަސްތާއެއް ވެއްޓި ރައުޝަން ޖިއާން ނިޔާވި ހާދިޘާ އާއި ގުޅިގެން، ހަ މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު، އެ ދަޢުވާއާއި ގުޅޭ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

އެ ހަ މީހުންގެ ތެރެއިން، އިންޑިޔާގެ ރައްޔިތެއްކަމަށްވާ، ރައްޖާވް ޢަލީއާއި ދެކޮޅަށް ދަޢުލަތުން ކޮށްފައިވާ ދަޢުވާ އަކީ، މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ. އިންޑިޔާގެ އެހެން ރައްޔިތެއް ކަމަށްވާ، މުތުމަނި ރަމަޗަންދުރަންއާއި ދެކޮޅަށް ދަޢުލަތުން އުފުލާފައިވަނީ، މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ ޢަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. މީގެ އިތުރުން، އިންޑިޔާގެ ދެ ރައްޔިތުން ކަމަށްވާ، ކެޝަރިލަލް ޗައުހާންއާއި ގުލަމް މުޙައްމަދުގެ މައްޗަށް ކޮށްފައިވަނީ، ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއްނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ހުރިހާ ދަޢުވާ އެއްވެސް ކޮށްފައިވަނީ، ދިވެހި ރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުލް ޢުޤޫބާތުގެ ދަށުންނެވެ.

މީގެ އިތުރުން، މި މަައްސަލައިގައި ދަޢުވާ އުފުލާފައިވާ، ދަފްތަރު ނަމްބަރު، 8424، މޫސާ ޙަސަނާއި، ދަފްތަރު ނަމްބަރ 7198، އާދަމް ޝަފީޤާ ދެކޮޅަށް ދަޢުލަތުން އުފުލާފައިވަނީ، މީހަކު މަރުވެ ދިއުމުގެ އިޙުމާލުގެ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އެންމެ ފުރަތަމަ ކުރިއަށް ދިޔައީ، މައްސަލައާއި ގުޅިގެން ދަޢުލަތުން ހުށަހަޅާފައިވާ ދެ ވީޑިޔޯ ފޫޓޭޖެއް ޝަރީޢަތުގެ މަޖިލީހާއި ޙިއްސާކުރުމެވެ. މި ދެ ވީޑިޔޯ ފޫޓޭޖަކީ، އެ ހާދިޘާ ހިނގި ދުވަހު، ރައުޝަން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭ މަންޒަރު ފެންނަ ދެ ވީޑިޔޯ ފޫޓޭޖެވެ. މި ވީޑިޔޯ ވަނީ ދަޢުވާ ލިބޭ ފަރާތްތަކަށް ފެންނާނެ ގޮތަށް މިއަދު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައެވެ. އެގޮތުން މި ވީޑިޔޯއާއި ގުޅިގެން އިތުރަށް ވާހަކަދެއްކުމަށް ދަޢުލަތަށް ލިބުނު ފުރުޞަތުގައި ދައުލަތުން ވިދާޅުވީ، ވީޑިޔޯއިން އެ ފެނުނު މަންޒަރުތަކުން ޔަޤީންވާ ގޮތުގައި އެ މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކުން ޢަމަލުކޮށްފައިވަނީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅައިގެން ނޫން ކަމަށާއި، އަދި އެ ސަރަހައްދުގައި ބެހެއްޓިފައި ހުރި ބޯޑުވެސް ހުރީ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ.

ދަޢުލަތުގެ މި ވާހަކަތަކާއި ގުޅިގެން ދިފާޢުން ވިދާޅުވީ، ޝަރީޢަތުގެ މަޖިލީހުގައި މިއަދު ފެނިގެން ދިޔަ ވީޑިޔޯއިން، އެ ސަރަހައްދުގައި ބޯޑެއް ބެހެއްޓިފައި ހުރި މަންޒަރު ފެންނަ ކަމަށާއި އެހެންކަމުން، އެއީ ރަނގަޅު ބޯޑެއްތޯ ނުވަތަ ނޫންތޯ، ސާބިތުކޮށްދިނުމަކީ، ދަޢުލަތުގެ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގައި ދަޢުވާ ލިބޭ ހަ މީހުންގެވެސް ވަކީލް، ޙުސައިން ޝަމީމް ވަނީ މި މައްސަލައިގެ މަޢުޟޫޢީ ގޮތުންވެސް ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވާފައެވެ. އެގޮތުން، މި މައްސަލައިގައި ދަޢުވާ ލިބޭ، އިންޑިޔާގެ ރައްޔިތެއް ކަމަށްވާ، ރައްޖާވު ޢަލީއާއި ދެކޮޅަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާއަކީ ވެސް، މަޢުޟޫޢީ ގޮތުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، އެ ދުވަހު އޭނާ ކޮށްފައިވާ ޢަމަލަކީ ފަރުވާކުޑަ ޢަމަލެއް ކަމަށްވެސް ޤަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގަ ރައްޖާވު ޢަލީގެ އެ ޢަމަލަކީ ފަރުވާކުޑަ ޢަމަލެއް ނޫން. އެއީ އިޙުމާލު އެކުލެވޭ ޢަމަލެއް. ނަމަވެސް ދަޢުލަތުން އޭނާއާއި ދެކޮޅަށް އެ ދަޢުވާ ކޮށްފައިވަނީ، ޤާނޫނުލް އުޤޫބާތުގެ 111 ވަނަ މާއްދާގެ ދަށުން. ނަމަވެސް 112 ވަނަ މާއްދާގެ ދަށުން ކުރަންޖެހޭ ދަޢުވާއެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އެހެންކަމުން އެ މައްސަލައިގެ މައުޟޫޢަށް ބަލާއިރު، އެއީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ." ޝަމީމް ވިދާޅުވިއެވެ.

ޝަމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ދަޢުލަތުން ވިދާޅުވީ، ރައްޖާވު ޢަލީއަކީ ސިމެންތި ބަސްތާތައް މައްޗަށް ނެގުމަށްޓަކައި ވިންޗު އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރި ފަރާތްކަމަށާއި، ނަމަވެސް އޭނާއަކީ މީގެކުރިން ދުވަހަކުވެސް އެ މަސައްކަތް ކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

"އާއްމު އުޞޫލެއްގެ ގޮތުން ވިންޗު އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރަނީ އެހެން މީހެއް. އެމީހާ ބްރޭކްގަ ވީ ގަޑި އެއީ. 30 މިނެޓްގެ ބެރޭކެއް ނެގި ގަޑީގަ، ރައްޖާވު ޢަލީ، އޭނާގެ އަމިއްލަ އިސްނެގުމަކަށް އެ މަސައްކަތާއި ހަވާލުވީ. ވިންޗަށް މާ ބޮޑަށް ދޫ ޖެހިގެން މައްޗަށް ނެގި ދެ ސިމެންތި ބަސްތާ ތެރެއިން އެއް ބަސްތާ ވެއްޓެން މެދުވެރިވީ. އޭނާއަކީ މީގެ ކުރިން ދުވަހަކުވެސް އެ މަސައްކަތް ކުރި މީހެއް ނޫން. އަދި އެކަން ނުކުރުމަށް އޭނާއަށް ބަޔަކު އިރުޝާދުވެސް ދިން. އެހެންކަމުން ދަޢުލަތުން ޤަބޫލުކުރަނީ އެއީ ފަރުވާކުޑަ ޢަމަލެއްގެ ގޮތުގަ." ދަޢުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދަޢުވާ ލިބޭ، އިންޑިޔާގެ އެހެން ރައްޔިތެއް ކަމަށްވާ، މުތުމަނި ރަމަޗަންދުރަންއާއި ދެކޮޅަށްވެސް ކޮށްފައިވާ ދަޢުވާއަކީ، އޭގެ މަޢުޟޫއަށް ބަލާއިރު، ކުރެވޭނެ ދަޢުވާއެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، އެއީ ޤާނޫނުލް އުޤޫބާތުގެ 80 ވަނަ ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް ރިޢާޔަތްކޮށްފައި ނުވާތީ ކަމަށްވެސް ދިފާޢީ ވަކީލް ޙުސައިން ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޙުސައިން ޝަމީން ވިދާޅުވީ، މުތުމަނި ރަމަޗަންދުރަންއާއި ދެކޮޅަށް ކޮށްފައިވާ ދަޢުވާގެ ސީޣާގައި ދަޢުލަތުން ބަޔާންކޮށްފައިވަނީ، އޭނާއާއި ދެކޮޅަށް ދަޢުވާ ކުރަނީ އެ ޢަމަލު ހިންގުމުގައި ބައިވެރިވިކަމުގެ ދަޢުވާ ކަމަށާއި، ނަމަވެސް ބައިވެރިވުމުގެ ގޮތުން އޭނާ ކުރި ޢަމަލު ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މިކަމުގެ ޖަވާބުގައި ދަޢުލަތުން ވިދާޅުވީ، ވިންޗު އޮޕަރޭޓް ކުރުމަކީ އެކަކަށް ކުރެވޭނެ ކަމެއް ނޫންކަން، މީގެ ކުރިން ހުށަހަޅާފައިވާ އެކްސްޕާޓުންގެ ރިޕޯޓުތަކުން އެނގެން އޮންނަ ކަމަށާއި، ރައްޖާވު ޢަލީ އެކަން ކުރުމަށް ހިތްވަރުދީ، އަދި އެ މަސައްކަތާއިއެކު ކުރިއަށް ދިއުމަށް ބުނެފައިވަނީ މުތުމަނި ރަމަޗަންދުރަން ކަމަށެވެ.

މީގެ އިތުރަށް ޙުސައިން ޝަމީމް ވިދާޅުވީ، ޖިނާޢީ ދަޢުވާއެއް ކުރެވޭނީ، އެ މައްސަލައިގައި ހަމަވާންޖެހޭ ރުކުންތައް ހަމަވެގެން ކަމަށާއި، އެގޮތުން، އެ ޢަމަލާއި، އޭގެ ނަތީޖާއާއި ގުޅުން އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް، މުތުމަނި ރަމަޗަންދުރަން ކުރި ޢަމަލާއި، ޖިޢާން މަރުވުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އަދި ކުށެއް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންވެސް އެއްވެސް ޢަމަލެއް ކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ދަޢުވާ އުފުލާފައިވާ، ދަފްތަރު ނަމްބަރު، 8424، މޫސާ ޙަސަނާއި، ދަފްތަރު ނަމްބަރ 7198، އާދަމް ޝަފީޤާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާއަކީ ވެސް، އެ ކަމުގައި ޖިނާޢީ ޒިންމާ ނަގަންޖެހޭ މިންވަރަށް އެކަމުގެ އުންސުރުތައް ހަމަވާ ކަމެއް ނޫން ކަމަށާއި، އެ ދެމީހުން ކުރި ޢަމަލާއި، ނިޔަތް، ވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

"މޫސާ ޙަސަނަކީ އެ ސައިޓްގެ ސްޕަވައިޒަރުގެ ހައިޞިއްޔަތުން އޭނާއާއި ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ. އާދަމް ޝަފީޤު ނަގަން ޖެހޭ ޒިންމާތައް ނަގާފައިނުވާ ކަމަށްބުނެ، ދަޢުވާ އުފުލާފައިވަނީ. ނަމަވެސް އަޅުގަނޑަކަށް ނުވިސްނޭ، ރައުޝަން ޖިއާން ނިޔާވުމާއި، މި ދެ މީހުންގެ ޒިންމާތަކާއި ސީދާ ގޮތުން ގުޅުން އޮތް މިންވަރެއް. ނަގަންޖެހޭ ހުއްދަތައް ނަގައިގެން މަސައްކަތް ކުރިއަށް ދިޔައީ. ސްޕަވައިޒަރާއި، ކުންފުނީގެ އެމްޑީ އާއި އެކަމާއި ސީދާ ގުޅުންއޮތް ކަމަށް ޤަބޫލެއް ނުކުރަން." ޝަމީމް ވިދާޅުވިއެވެ.

މިކަމުގެ ޖަވާބުގައި ދަޢުލަތުން ވިދާޅުވީ، މޫސާ ޙަސަނަކީ ތަނުގެ ސްޕަވައިޒަރު ކަމަށާއި، އެތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ފަރާތަކީ އެއީ ކަމަށެވެ. އަދި އާދަމް ޝަފީޤަކީ އެންމެންގެ މައްޗަށް އެ ޒިންމާ ނަގަންޖެހޭ ފަރާތް ކަމަށާއި، ކަމުގެ މަސްޢޫލިއްޔަތު ވަކިވަކި މީހުންނާއި ހަވާލުކޮށްފައި އޮތުމަކީ ތަނުގެ އެންމެ އިސް ފަރާތް ޒިންމާނަގަން ނުޖެހޭ ސަބަބެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ، 30 ސެޕްޓެމްބަރުގައެވެ. އެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފޭން

    މިފެންވަރަށް މިފަދަ މައްސަލަ ތަކުގެ ތަފްސީލް ގެނެސްދޭއިރުވެސް ވަގުތު ކުދިންނަށް އެވޯޑެއް ނުލިބެންވީ ކީއްވެ؟

    ހޭ މީޑިޔާ ކައުންސިލް ޕްލީސް ސީ ދިސް

  2. ސަދޫމް

    ސަދޫމްސިޓީ ގައި ތިޔަ ސަރީއަތް ނިމޭއިރު ކުއްވެރިވާނީ ސިމެންތި ބަސްތާ.

  3. ބުރޯ

    މި ކުއްޖާ ގެ މަރުގެ މައްސަލާގަ މަންމަގެ އިހުމާލު ވީޑިއޯން ފެނޭ ، މަންމަ އައި ފޯނާކުޅެމުން ދަރިފުޅު ވީތަނެއްމަންމަޔަކަށް ނޭގޭ .

    1
    3
  4. އިހުމާލު

    ކުށްވެރިވަނީ އެކުއްޖާގެ މައިން ބަފައިން. އެއީ މަގުމަތިގެ އަދަބުތަކާއިި ޙިލާފަށް ކުޑަ ކުއްޖަކު ދޫކޮށްލައިގެން ދިއުމާއި، މަސައްކަތް ކުރާ ސަރަހައްދެއްކަން ލޮލަށް ފެންނަން ހުރިއިރު އެތަން ހުރަސްކޮށްފައި ދާން ފުރުސަތު ދިނުމަކީ އިހުމާލެއް. މަސައްކަތްކުރި މީހުން ދައުލަތުން ޖޫރިމަނާ ކުރަންޖެހޭ. އެއީ ހުއްދަތައް ނެގުމުގައި ކަންކަން ފުރިހަމަކޮށްފައި ނެތުމުން. ބޯޑެއް އެތަނުގައި ހުރި އެހެންކަމުން ބޯޑެއްގެ ބޭނުން ފުރިހަމަވޭ މަގު ހިނގާ މީހަކަށް.

    1
    2
  5. ސައްދާމް

    ސައިޓުގައި ބޯޑެއް ބެހެއްޓުމަކުން އަދި ނުނިމޭނެ. ޕޭމަންޓު މަތިން ނޫންގޮތަކަށް ހިގެން ނެތް. މިކަމަކީ ސީދާ މިކަން ކުރުމަށް ހުއްދަ ދެވިފައިވާ ކުންފުނީގެ ސީދާ އިހުމާލު.