ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށްޓަކައި އެމްސެވަން ގްރޫޕުން "ހެޔޮ ހިތަކާއެކު.." ނަމުގައި ހާއްސަ ހަރަކާތްތަކެއް މާދަމާ (އާދީއްތަ ދުވަހު) ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ދުނިޔޭގެ ހިތުގެ ދުވަހަކީ މާދަމާއެވެ.

އެމް7 އިން ބުނީ، ހިތުގެ ދުވަހު, އެމް7 ބުކް ސްޓޯރާއި އެމް7 ޕްރިންޓުން ކުރާ ކޮންމެ ވިޔަފާރިއަކަށް، 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ހިތުގެ ދުވަސް ފާހަގަކުރުމަށްޓަކައި މާދަމާ އެމް7 ގެ މުވައްޒަފުން އޮފީހަށް ހާޒިރުވާނީ ފައިމަގުގައި ކަމަށާއި، އެއީ ދުޅަހެޔޮ ހިތަކަށްޓަކައި ހަރަކާތްތެރިވެ އުޅުމާއި ކަސްރަތު ކުރުމަކީ މުހިންމު ކަމެއްކަން ހަނދާންކޮށް ދިނުމަށާއި އެކަމަށް މުވައްޒަފުންނާއި އާންމުން ހޭލުންތެރިކުރުވުމަށް ކަމަށް އެމް7 އިން މައުލޫމާތު ދެއެވެ.

އަދި ހުރިހާ މުވައްޒަފުން ވެސް ވަޒީފާއަށް ނުކުންނާނީ ރަތްކުލައިގެ ހެދުމެއްގައި ނުވަތަ ރަތްކުލަ ރަމްޒުކޮށްދޭ ފަދަ ބޭންޑެއް ނުވަތަ ރިބަން ފަށެއް އަޅައިގެންނެވެ.

"ހެޔޮ ހިތެއް، ދުޅަހެޔޮ ހިތެއް ހޯދުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް. އަޅުގަނޑުމެން ހިތުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ މިކުރަނީ، ރާއްޖޭގައި ވެސް ހިތުގެ ބަލިތައް އިތުރުވެ، އެ ބަލީގައި ދުނިޔެ ދޫކޮށްފައި ދާންޖެހޭ އަޚުންނާއި އުޚްތުން މީހުން ގިނަ ވަމުންދާތީ އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި،" އެމް7 ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވި އެވެ.

އެމް7 ގެ ހުރިހާ މުވައްޒަފުންނަށް އަދި އާދީއްތަ ދުވަހު ވިޔަފާރި ކުރާ ފަރާތްތަކަށް ދުޅަހެޔޮ ހިތަކަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ކާޑެއް ވެސް ދޭނެ އެވެ.

އެމް7 އަކީ މީގެ 24 އަހަރު ކުރިން ފޮޓޯ ކޮޕީ މެޝިނަކާއެކު، އެމް7 ސްޓޭޝަރަނީގެ ނަމުގައި ވިޔަފާރި ފެށި ކުންފުންޏެކެވެ. މިހާރު އެމް7 ގެ ގްރޫޕްގައި، އެމް7 ބްކްސްޓޯރާއި، އެމް7 ޕްރިންޓާއި، އަލްފަލާހް އަދި އެމް7 މީޑިއާ ހިމެނެ އެވެ.

އެމް7 ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ދިވެހި ކުންފުނިތަކުގެ ތެރެއިން ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ ތެރެއިން ހޮވާލާ 100 ކުންފުނި، "ގޯލްޑް 100" ކުންފުނީގެ ތެރޭގައި ވޭތުވެދިޔަ ތިން އަހަރު ވެސް ހިމެނިފައެވެ.