ރަށްރަށުގައި ވިޔަފާރިވެރިންނާ ގުޅިގެން އެމް7 ގެ ޚިދުމަތް އަތޮޅުތަކުގައި ފުޅާކުރުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.

އެމް7 އިން ބުނީ އެ މަސައްކަތުގެ ދަށުން އައްޑޫގައި، އެމް7 ގެ ވިޔަފާރި އާއި ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ހިތަދޫ "ކޮންޓްރޯލް ޕީ" ކުންފުންޏާއެކު ހޮނިހިރު ދުވަހުގެ ރޭ އެމް7 އިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށެވެ.

އެ އެެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އައްޑޫ އީކްއޭޓަރ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި އެމް7ގެ ފަރާތުން ސޮއިކުރެއްވީ، އެ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއް ސައްތާރެވެ. ކޮންޓްރޯލް ޕީގެ ފަރާތުން ސޮއިކުރެއްވީ، ޑައިރެކްޓަރ އޮފް ފައިނޭންސް މުހައްމަދު ހާފިޒު ހުސައިން އެވެ.

އެ ރަސްމިއްޔާތުގައި އެމް7 ގެ މެނޭޖިންގ ޑިރެކްޓަރު ސައްތާރު ވިދާޅުވީ، އަތޮޅުތަކުގެ ވިޔަފާރިވެރިންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށީ، ކުންފުނީގެ ޚިދުމަތްތައް އަތޮޅުތަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ރައްޔިތުންނާއި ވިޔަފާރިވެރިން ވެސް އެދެމުންދާތީވެ، އެކަމަށް އިޖާބު ދިނުމުގެ ގޮތުން ކަމަށެވެ.

"މި މަސައްކަތްތައް އަޅުގަނޑުމެން އެހެން އަތޮޅުތަކާއި ރަށްތަކުގައި ވެސް ކުރިއަށް ގެންދާނަން،" ސައްތާރު ވިދާޅުވި އެވެ.

މީގެ އިތުރުން، ހުވަދު އަތޮޅުގައި އެމް7 ގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ގދ. ތިނަދޫ ޕްރިންޓް ޓެކް ކުންފުންޏާއެކު މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެމް7 އަކީ ކޮން ބައެއް؟

ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ރާއްޖޭގެ އޭރުގެ ފޮޓޯކޮޕީ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރެވުނު ޓެކްނޮލޮޖީއަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މުހިންމުކަން އެމް.ސެވަންގެ ފައުންޑަރ މުހައްމަދު އަބްދުއް ސައްތާރަށް ތަސައްވަރުކުރެވުނީ، ފޮޓޯކޮޕީނެގުމުގެ ކިއުގައި ގެއެއްގެ އަސްކަނީގައި ގިނައިރުތަކެއްވަންދެން ހުންނަންޖެހުމުން ކުރެވުނު އިހްސާސުންނެވެ. އެގޮތުން ފުރަތަމަ "އެސް އެމް ސްޓޭޝަނަރީ" ގެ ނަމުގައި ފެށީ ފޮޓޯ ކޮޕީ ނަގާތަނެކެވެ. ނަމަވެސް ފަހުން އެތަން ރިބްރޭންޑްކޮށް އެމް7 ބުކްޝޮޕާއި އެމް7 ޕްރިންޓް އުފެއްދި އެވެ. މިހާރު އުމުރުން 24 އަހަރު ވެފައިވާ އެމް7 ގްރޫޕްގެ ކުޑައިގެ ދަށުގައި އެމް7 ޕްރިންޓްގެ އިތުރުން، އެމް ބުކް ސްޓޯރުގެ ތިން ފިހާރަ އާއި ފޮޓޯކޮޕީގެ ޚިދުމަތް ދޭ އަލް ފަލާހް އާއި އެމް7 މީޑިއާ ހިމެނެ އެވެ.