ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހުންގި ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑަރިންގ މައްސަލައާއި ގުޅިގެން ފުލުހުންނާއި، ކޮރަޕްޝަންއަށް ހާއްސަކޮށް އުފެއްދި ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށް ފަހު، އަދީބުގެ މައްޗަށް ދައުވާ ކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ.

އަދި އެ މައްސަލާގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި އަދީބު މިހާރު ހުންނެވީ ޖަލުގައެވެ. އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.