އިއްޔެ މެންދުރު ފަހު ޓީ ޖެޓީ ސަރަހައްދުގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި 10 ބައުޒަރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން މި އަލިފާން ފުރަތަމަ ރޯވެފައިވަނީ "ނެވި 3"ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެެވެ. އަދި އެ ހާދިސާ ހިނގިއިރު، އެ ލޯންޗުގައި އެވަގުތު ތިބި ހަތަރު ދިވެހިން ކަމަށާއި، އެ ހާދިސާގައި އެ މީހުންނަށް އަނިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން ދެ މީހެއްގެ ހަށިގަނޑުގެ 50 ޕަސެންޓު ފިހިފައިވާ ކަމަށާއި އަދި އެ ލޯންޗު ކައިރީ އޮތް މުދާ އުފުލާ ދޯންޏެއްގައި ތިބި ދެ ބިދޭސީއަކަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެތެރެއިން އެކަކު ކުޑަކޮށް ފިހިފައި އަދި އަނެއް މީހާ އަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޓީޖެޓީ ގައި ހިނގި އަލިފާނުގެ ހާދިސާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފުލުހުން ވިދާޅުވީ، މި މީހުންގެ އިތުރުން އެތާ ކައިރީ އޮތް ތެޔޮ ބޯޓެއްގައި ހުރި މީހަކާއި އަދި އެތަނުގެ ކައިރީ އޮތް އެހެން ލޯންޗެއްގެ މީހަކު އެހީވާން އުޅުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން އަދި ތެޔޮ ބައުޒަރުތައް ދުރަށް ޖައްސަން އުޅުނު މީހެއްގެ އަތް ފިހިފައިވާ ކަމަށެވެ.

ޓީޖެޓީ ގައި ހިނގި އަލިފާނުގެ ހާދިސާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޓީޖެޓީ ގައި ހިނގި އަލިފާނުގެ ހާދިސާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފުލުހުން ވިދާޅުވިގޮތުގައި، މި އަލިފާނުގެ ސަބަބުން 10 ތެޔޮ ބައުޒަރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި މީގެތެރެއިން ފަސް ތެޔޮ ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައި ކަމަށެވެ.

އަދި ނެވި 3 ލޯންޗު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާ ލޯންޗު އަޑިއަށްދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިއަދު މެންދުރު 14:15 ގައި ފުލުހުން އެ ލޯންޗު ފަޅުތެރެއިން ނަގާފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    އެފް އެސް އެމް އިން މިފަހަރު ތެޔޮ އަގުބޮޑު ކުރާނެ ދޯ ؟؟

  2. ސިޔާ

    އަލިފާނުގެ އިންޒާރު މިއީ ބިރު ހުރި ކަމެއް ﷲ އަށް ބިރުވެތިވޭ ... އެންމެން ތަޢުބާވޭ ކުރިއަށް ހުރި ބިރުވެރިކަމާއި ނާމާން ކަން އެކަށް ވެސް ނޭގޭނެ ސުނާމީ ފަދަ ބިރުވެރިކަންކަން އަޅުގަނޑުމެން މިތިބީ ތަޖުރިބާ ކޮށްގެން މުޅި ގައުމުގެ އިގްތިސާދު ދަނީ ފުޑުފުޑުވަމުން އަމިއްލަ އަތްތަކުންވެސް ފުޑު ފުޑު ކުރަނީ.... މާލޭގައި ހުރި އެންމެ ބޮޑު މާރުކޭޓް މަރާމާތަށޭ ކިޔާފައި މިދުވަސް ވަރު ބަންދުކުރުމަކީވެސް އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ވިޔަފާރިތައް ދަނީ ބަނގުރޫޓް ވަމުން .... ވާގޮތެއް އެކަކަށް ވެސް ބުނެދޭކަށް ނޭގޭ އަލީ ވަހީދުބުނުއްވަނީ ފަތުރުވެރިން އަންނީ މާގިނައިންނޭ މަސް ހެސްކިޔާފައި ބާނައޭ .... މިވަނީ ކިހިނެއް؟