ހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު، ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން، ޑައިމޯފިން ޓްރެފިކް ކުރުމާއި، ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ، ސ.ހިތަދޫ ޕޫލްބަހާރު، މުޙައްމަދު ފައިސަލް، އެ ދެ ދަޢުވާ އަށްވެސް މިއަދު ކްރިމިނަލް ކޯޓުގައި އިޢުތިރާފު ވެއްޖެ އެވެ.

މުޙައްމަދު ފައިސަލްގެ އިތުރުން، މި މައްސަލައާއި ގުޅިގެން ދެން ދަޢުވާ އުފުލާފައިވަނީ، ސ.ހިތަދޫ ހުދުވެލި، ޢަލީ ޙަސަން އާއި، ސ.ހިތަދޫ ފިނިފަރު، ޢަބްދުﷲ އިބްރާޙިމް އާއި، ހއ.ހޯރަފުށި، އާރޯ، އަޙުމަދު މަމްދޫހު އާއި، ހަމަ އެރަށު، ރަންމުލި، އަޙުމަދު ރަޢޫފުގެ މައްޗަށެވެ.

އެގޮތުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، މުޙައްމަދު ފައިސަލް އާއި، ޢަލީ ޙަސަން އާއި، ޢަބްދުﷲ އިބްރާޙިމް ގެ މައްޗަށެވެ. މީގެ އިތުރުން، ޢަލީ ޙަސަން އާއި މުޙައްމަދު ފައިސަލްގެ މައްޗަށް އިތުރު ދަޢުވާ އެއްވެސް ވަނީ އުފުލާފައެވެ. އެއީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ އެވެ. ހަމައެހެންމެ، އަޙުމަދު މަމްދޫހު އާއި އަޙުމަދު ރަޢޫފުގެ މައްޗަށް، ޑައިމޯފިން ބޭނުން ކުރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ.

މި ތިން ދަޢުވާގެ އިބްތިދާޢީ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، އެންމެ ފުރަތަމަވެސް ޝަރީޢަތުން އެދިވަޑައިގެންނެވީ، މިއަދުގެ ޝަރީޢަތަށް ހާޟިރުވި ހަތަރު މީހުންނާއި ދެކޮޅަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާ، އެމީހުންނަށް އިއްވައިދިނުމަށެވެ. މި މައްސަލައާއި ގުޅިގެން މިވަގުތު ރިމާންޑް ޖަލުގައި ހުރި، ޢަލީ ޙަސަން މިއަދު ޝަރީޢަތަށް ހާޟިރުކުރެވިފައެއް ނުވެއެވެ.

މި މައްސަލައިގައި މިއަދު ޝަރީޢަތަށް ހާޟިރުވި ހަތަރު މީހުންނާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް ދަޢުލަތުން އިއްވުމުން، އެ ދަޢުވާ ސާފުވެފައިވޭތޯ ޝަރީޢަތުން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން، މި މައްސަލައިގައި ދަޢުވާ ލިބޭ، އަޙުމަދު މަމްދޫހު، އަޙުމަދު ރަޢޫފު އަދި ޢަލީ ޙަސަންގެ ޤާނޫނީ ވަކީލް، މުޙައްމަދު އަޙުމަދުފުޅު ވިދާޅުވީ، ދަޢުވާ އާއި ގުޅިގެން ލިބެންޖެހޭ ހުރިހާ ލިޔުންތަކެއްވެސް ލިބިފައިވާ ކަމަށާއި، ދަޢުވާ ވެސް ސާފުވެފައިވާ ކަމަށެވެ. ނަމަވެސް އެ ތިން މީހުންނާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާ ތަކަށްވެސް، އިންކާރު ކުރާ ކަމަށް ވަކީލް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ދެ ދަޢުވާއެއް އުފުލާފައިވާ، މުޙައްމަދު ފައިސަލްގެ ޤާނޫނީ ވަކީލް، ޢަބްދުﷲ ޙަޞީން ވިދާޅުވީ، ދަޢުވާ ސާފުވެފައިވާ ކަމަށާއި، އަދި އެ ދެ ދަޢުވާއަށްވެސް އިޢުތިރާފުވާ ކަމަށެވެ. އެކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި، ޝަރީޢަތުން ވަނީ މުޙައްމަދު ފައިޞަލް އާއިވެސް ސުވާލުކުރައްވާފައެެވެ. ޖަވާބުގައި ފައިސަލް ބުނީ، ދެ ދަޢުވާ އަށްވެސް އިޢުތިރާފުވާ ކަމަށާއި، އަދި އެ އިޢުތިރާފަކީ އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތި، ވާ އިޢުތިރާފެއް ކަމަށެވެ. ހަމައެހެންމެ، މި މައްސަލައާއި ގުޅިގެން އަވަސް ނިޔާއެއް ކަނޑައަޅައިދިނުމަށްވެސް ޝަރީޢަތުގެ ކިބައިން އޭނާ ވަނީ އެދިފައެވެ.

މިއަދުގެ ޝަރީޢަތުގައި، ޤާނޫނީ ވަކީލަކާއި ނުލާ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާކަން ފާހަގަ ކުރަމުން، މި މައްސަލައިގައި ދަޢުވާ ލިބޭ، ޢަބްދުﷲ އިބްރާޙިމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުޙުމަތުތަކާއި ގުޅޭގޮތުންނާއި، އޭނާގެ ބަންދާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ.

"އިއްޒަތްތެރި ފަނޑިޔާރު. އަޅުގަނޑަކީ މި މައްސަލައާއި އެއްވެސް ގުޅުމެއްވާ މީހެއް ނޫން. އަޅުގަނޑު އައީ ހޯރަފުށިން ފުރައިގެން މާލެ އައުމަށް ހަނިމާދޫއަށް. ނަމަވެސް ހަނިމާދޫ މަގުން އަޅުގަނޑަށް މާލެ ދެވޭގޮތެއް ނުވި. ދެން އަޅުގަނޑު ދުއްވާ ލޯންޗެއް އޮންނާނެ. އެ ލޯންޗުގަ މާލެ އަންނަން އުޅޭކަން އެނގިގެން މި މައްސަލައިގަ އިޢުތިރާފުވެފައިވާ ފައިޞަލް ބުނީ ތިމަންނަ ގެންދާށޭ ކަލޭމެންނާއި އެކީ. އޭނާ އަކީ މުރައިދޫގަ ހުރެފަ މާލެ ދާން އައި މީހެއް. އޭނަ އާއި އަޅުގަނޑު ބައްދަލުވެސް ވީ ހަނިމާދޫއިން. ދެން އަޅުގަނޑު އައި ލޯންޗުން އޭނަ އައީ. ތިޔަ ވިދާޅުވާ މަސްތުވާތަކެތި ފެނުނީ އަޅުގަނޑު އަތަކުން ނޫން. އަޅުގަނޑުގެ ޔޫރިންވެސް ޕޮޒިޓިވްވީއެއް ނޫން. ދެން އެ ސީނަށް އައި ފުލުހުން އަޅުގަނޑު މި މަޅިތެރެއަށް ވެއްދީ. މިކަމުގެ ސަބަބުން އެތައް ގެއްލުމެއް ލިބިއްޖެ. 62 ދުވަސް ވަންދެއް ދޫނިދޫގަ އަޅުގަނޑު ބާއްވައިފި. އެކަމުގެ ސަބަބުން އަޅުގަނޑުގެ ވިޔަފާރިވެސް ބަނގުރޫޓު ވެއްޖެ. އަޅުގަނޑު މާލެ ތެރެއަށް ދޫކޮށްލާފަ މިހުރީ ޝަރުތުތަކަކާއި އެކު. އިއްޒަތްތެރި ފަނޑިޔާރު. އަޅުގަނޑުގެ ބަންދު ލުއި ކޮށްދެއްވާ، އަޅުގަނޑަށް އަނބިދަރިން ކައިރިއަށް ދެވޭ ގޮތް ހައްދަވައިދެއްވާ. އަޅުގަނޑު އަންނާނަން ކޮންމެ އަޑުއެހުމަކަށްވެސް." މިއަދުގެ ޝަރީޢަތުގައި ޢަބްދުﷲ އިބްރާޙިމް ބުންޏެވެ.

މިކަމާއި ގުޅިގެން ޤާޟީ ވިދާޅުވީ، މިއީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގައި ހިމެނޭ ބޮޑު ކުށެއް ކަމަށާއި، ނަމަވެސް މިހާރުވެސް ބޮޑު ލުޔެއް ދީފައިވާ ކަމަށެވެ. އެހެންކަމުން، އިތުރަށް ބަންދު ލުއި ކުރުމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ. އަދި އެއްވެސް އަޑުއެހުމަކަށް ހާޟިރުނުވެ، ނުވަތަ ކޯޓަށް އެނގުމަކާއި ނުލާ، މާލެއިން ބޭރަށް ގޮސްފިނަމަ، ޝަރީޢަތް ނިމެންދެން ބައްދު ކުރާނެ ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.

ޢަލީ ޙަަސަން އާއި، މުޙައްމަދު ފައިޞަލް އާއި، ޢަބްދުﷲ އިބްރާޙިމް ގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ، ޤާނޫނު ނަމްބަރު، 17/2011 (މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި، 139 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ، 108 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. މި މައްސަލަ މި މީހުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ، 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއި އެކު، އެއް ލައްކަ ރުފިޔާ އާއި 10 މިނިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، ޢަލީ ޙަަސަން އާއި، މުޙައްމަދު ފައިޞަލް އާއި ދެކޮޅަށް ކޮށްފައިވާ ދެވަނަ ދަޢުވާ، ކޮށްފައިވަނީ، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި، 148 ވަނަ މާއްދާއާއި ހަވާލާދީ، 115 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މި މައްސަލަ މި މީހުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ، 3 އަހަރުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.

ހަމައެހެންމެ، އަޙުމަދު މަމްދޫހު އާއި އަޙުމަދު ރަޢޫފުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 108 މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުންނެވެ. މި މައްސަލަ މި މީހުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ، 18 އަހަރުގެ މުއްދަތަށް ޖަލަށްލުމަށްފަހު، 75000 ރުފިޔާ އާއި 7 މިލިއަން ރުފިޔާގެ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މި މައްސަލައާއި ގުޅިގެން ދެން އަޑުއެހުމެއް އޮންނާނީ، މިމަހުގެ 6 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޝަރީޢަތުގައ،ި މުޙައްމަދު ފައިސަލް މިއަދުވެފައިވާ އިޢުތިރާފާއި ގުޅިގެން ހުކުމް ކުރުން އޮންނާނެ ކަމަށާއި، އަދި މިއަދުގެ ޝަރީޢަތަށް ހާޟިރުނުކުރެވުނު ޢަލީ ޙަސަންގެ އިބްތިދާޢީ އަޑުއެހުން ކުރިއަށް ދާނެ ކަމަށް ޝަރީޢަތުން ވަނީ އިޢުލާން ކުރައްވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކެރޭ

  28 ކިލޯ ޑްރަގު އެތެރެ ކުރިމީހާ މިހާރު ހުރީ މިދިޔަ މާރޗް މަހުގައި ދޫކޮށްލާފައެވެ. ކަރެކްޝަނަސް ގުލާލީމާ ބުނީ މާލޭ ބަންދައް ދޫކޮސްފަކަމަށެވެ. އެކަމަކު މިހާރު އޭނާ ލަންކާ އިންޑިޔާ އަށް ދަތުރުތައް ކުރަމުން އެދަނީއެވެ. ކާކުބާ ޒިއްމާވާނި...

 2. ޟަރަ

  އަވަހައް ދޫކޮއްލާ.

 3. އިސްާހު

  އެއީ މިހާރުވެސް ޖަލު ހުކުމެއްގަ ހުރަ ދެން ތިބި މީހުން ސަލާމަތްކުރަން ޖަހާ ރޮކެޓެއް އޭނާ އެ ތަކެއްޗާ ހަވާލުވެފަ.. މި ލޫޕް ހޯލް ބައްދާނެ އިސްލާހެއް ޤާނޫނަށް އެބަޖެހޭ ގެންނަން

 4. ޓަން

  އެއްޓަން މަސްތުވާތަކެއްޗާއެކު އަގަދޮވުނަސް ދޫކުރާނެ. އެކަމަކު ނަމާދަށް މިސްކިތަށް ދިޔައިއްޔާ އެވީ ޓެރޮރިސްޓަކަށް، ވަގުތުން ޖަލުހުކުމެއް.

  9
  1
 5. ޕާޓީ

  ޕާޓީ ކުދިންކޮޅެއްވީމާ ތަފާތުވާނެ

  8
  1
 6. ހުސައިން ސާލިހް

  ސ.ހިތަދޫ ފިނިފަރު، ޢަބްދުﷲ އިބްރާޙިމް އަކީ ތިޔަ ކަމުގެ އެއްމެ އިސް މީހާ އެކަމަކު އަޅުގަނޑު މެނންނަށް އެނގޭ އޭނަ ދޫ ކޮށްލާނެ ކަން އެއީ އޭނައަކީ ނަޝީދު ، އަންނި އައްޑޫ އަށް ގޮސް އުޅޭ އިރު އަންނިގެ އެން އަތް އެހެންވީމަ މާ ކުރިން ވެސް އެނހގޭ އޭނަ ދޫކުރާނެ ކަން ސާބިތުވިޔަސް........

  8
  1
 7. މުހައްމަދު މޫސާ

  އަބުޗާ އަކީ ތިޔަކަމުގެ ބޮހަކީ މުޅި ހިތަދޫ ހަލާކު ކުރާ މީހަކީ އަބުޗާ

  3
  1