މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގަދީމީ ކަލެކްޝަން އަދި މިނިސްޓްރީ އޮފް އާޓްސްގެ، ކަލްޗާ އެންޑް ހެރިޓޭޖް ގުޅިގެން ހިންގި ސަގާފީ ހިރިގަލުވަޑާމުގެ ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވައިފިއެވެ.

މިރޭ ދާރުލްއާސާރުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ކޯސް ފުރިހަމަ ކުރެއްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ޘަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ޔުމްނާ މައުމޫން އެވެ.

މަޓީގެ ސްޕޮންސާޝިޕްގެ ދަށުން ޖުމްލަ 10 ބައިވެރިއަކު މިކޯހުގައި ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަންހެން 4 ބައިވެރިންވެސް ހިމެނެއެވެ. ކޯހުގެ ބައިވެރިންނަށް ފަންނީ ލަފާ ދީފައިވަނީ މިއަހަރުގެ ކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ގަދީމީ ކަލެކްޝަންސްގެ ފަރާތުން ބައިވެރިވި މުހައްމަދު އިމްރާންއެވެ.

ހިރިގަލު ވަޑާމުގެ ކޯހުގެ ބައިވެރިން ތައްޔާރުކުރި ބައެއް ތަކެތި– ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ހިރިގަލު ވަޑާމުގެ ކޯހުގެ ބައިވެރިން ތައްޔާރުކުރި ބައެއް ތަކެތި– ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މިރޭގެ ހަފްލާގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަމުން މަޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ނަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިކޯސް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ނެތެމުންދާ ރާއްޖޭގެ ޘަގާފީ މަސައްކަތްތައް ދިރުވައި، އާލާކުރުން ކަމަށާއި، ކޯސް އިތުރަށް ފުރިހަމަ ކޮށް، ކޮންމެ އަހަރަކުވެސް މީގެ ކޯހެއް ބާއްވާނެ ކަމަށެވެ.

ޒަމާންވީ މަސައްކަތްތައް ކަމަށްވާ ހިރިގަލުވަޑާން، ކަސަބުވިޔުން، ކުނާ ވިޔުން ފަދަ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ޘަގާފީ ތަރަކައިގެ ބައެއް ކަމަށާއި މިކަންކަން ދިރުވުމުގެ ގޮތުން ބޭއްވި ކޯސް ފުރިހަމަ ކުރެއްވި ކަމަށްޓަކައި މިނިސްޓަރ ޔުމްނާ ވަނީ ކޯހުގެ ބައިވެރިންނަށް ޝުކުރު ދަންނަވާފައެވެ.

ހިރިގަލު ވަޑާމުގެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ހިރިގަލު ވަޑާމުގެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޔުމްނާ ވަނީ ޓުއަރިޒަމް މިނިސްޓްރީއިން ވެދެއްވާ އެހީ ފާހަގަކުރައްވައި، އެ ދާއިރާގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހުރި ކަން ކޯހުގެ ބައިވެރިނާއި ހިއްސާކޮށްފައެވެ.

"އަޅުގަނޑުމެންނަށް މިކަހަލަ ޘަގާފީ މަސައްކަތްތަކުގެ ތެރެއިން ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފުރުސަތުތަކެއް ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅިގެން ހުޅުވާލެވިދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންގެ ބައެއް މަސައްކަތްތައް ހަފްލާގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ.