ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ނިންމައިފި އެވެ.

ޕީޖީގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ބިލް ދިރާސާކުރުމުގެ ތެރޭގައި މިއަދުގެ ކޮމިޓީއަށް ޕީޖީ ވަކިކުރުމުގެ މައްސަލަ ހުށާހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ޕީޖީގެ ޤާނޫނަށް އިސްލާހު ގެނައުމަށް ނަޒާހާތްތެރިކަން އިތުރު ކުރުމަށް ބަދަލުތަށް ގެންނަ ބިލް ދިރާސާކުރުމުގެ ތެރޭގައި މޫސާ ސިރާޖު ވިދާޅުވީ ޕީޖީ ނަޒާހާތެރިކުރުމަށް އެންމެ މުހިންމު ކަމަކީ މިހާރުގެ ޕީޖީ ބިޝާމް މަޤާމުން ވަކިކުރުން ކަމަށެވެ.

ސިރާޖުގެ މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން އެވެ. އެ ހުށަހެޅުން ފާސްވީ، ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. ކޮމެޓީއިން ޕީޖީ ވަކި ކުރުމުގެ އިޖުރާއަތް ފެށުމަށް ނިންމުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ފޮނުވާނެ އެެެވެ.

ރައްޔިތުންގެ މަޖިލހުގެ އާ ޤަވާއިދުގައި ބުނެފައިވަނީ، މިނިވަން މުއައްސަސާއެއްގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާނީ މަޖިލީހުގެ ރައީސެވެ. އަދި އެއަށްފަހު އެ މައްސަލަ އަލުން ދިރާސާ ކުރުމަށް ޖުޑީޝަލް ކޮމިޓީއަށް ފޮނުވާނެއެވެ. ކޮމެޓީއިން އެކަމަށް ދިރާސާކޮށް، ރިޕޯޓް ތަޅުމަށް ފޮނުވުމުން ބަހުސްކޮށް، ޕީޖީ ވަކި ކުރުމާމެދު ވޯޓު ނަގާނެ އެވެ.

ޕީޖީ ބިޝާމް މަގާމުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވޓާއިރު ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ބިޝާމްގެ އިތުބާރުނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެހެން ނަމަވެސް ވޯޓަށް އެހުމުގެ ކުރިން އެ މައްސަލަ ދެ ފަހަރުވެސް ވަނީ ބޭރުކޮށްލާފަ އެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޕީޖީ ބިޝާމް މަގާމުން ވަކިކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށްވެސް ބިޝާމް ވަކިކޮށްފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށ ްއަމާޒުވެފަ އެވެ.

ޕީޖީ ބިޝާމް އެ މަޤާމާއި ހަވާލުވެ ވަޑާއިގެންނެވީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި 2014 ވަނަ އަހަރުގަ އެވެ. ދާދި ފަހުން ޕީޖީ ބިޝާމަށް ވަނީ މަރުގެ އެކި އެކި މައްސަލަތަކަުގައްޔާއި އެހެނިހެން މައްސަލަތަކުގައި ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒްވެފަ އެވެ.