ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ސިއްހީ ޚިދުމަތަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަން ފާހަގަކުރައްވޭ ކަމަށެވެ. މީގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރުމަށް ކުރަންޖެހިފައިވާ ބުރަ މަސައްކަތް ކުރެއްވުމަށް ވެސް ރައީސް އެދިވަޑައިގަނެފައިވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރީގެ ކޮމިޔުނިޓީ ހެލްތު ވޯކަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ކުރެއްވި ބުރަ މުސައްކަތް ވަނީ ފާހަގަކުރައްވާފަ އެބޭފުޅުންނަށް އަަސައްރި ބަހާއި ސާބަސް ރައްދުކޮށްފައެވެ.

އެހެން ނަމަވެސް ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމުގައި އަދިވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ގިނަ ކަމުގައި ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ފުރިހަމަ ސިއްހަތެއް ބިނާ ކުރެވޭނީ އާންމު ސިއްހީ ނިޒާމު ވަރުގަދަ ކުރުމާއި އެކު ދިރިއުޅުމުގެ އާދަތަކާއި ކެއުންބުއިމުގައި ޞިއްހީ މިންގަނޑަށް އިސްކަން ދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެޔާއިއެކު ބަލިތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ގަބޫލުކޮށް، އެކަމަށް މަސައްކަތް ކުރުމާއި އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖުތަމައުގެ ފަރުދުންނާއި އާއިލާތަކުގެ ޞިއްހަތު ސަލާމަތްކޮށްދީ، ދުޅަހެޔޮކަން އިތުރުކުރުން ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަޅުގަނޑުމެންގެ އާންމު ޞިއްހަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އަދި ވަރަށް ބޮޑު ނުރައްކަލެއް. މި ނުރައްކާ ނައްތާލަން އަޅުގަނޑުމެން އެބަ ތެދުވަންޖެހޭ. އަޅުގަނޑު ހިތުން މިފަދަ ހޮސްޕިޓަލްތަކުން އެކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެކަން ހާސިލްކުރެވޭނީ ރަށު ފެންވަރާއި، އަތޮޅު ފެންވަރާއި، އަދި ގައުމީ ފެންވަރުގައި މިކަމަށް މަސައްކަތް ކޮށްގެން ކަމަށާއި، މުޅި މުޖުތަމައު އެކުގައި ތެދުވެގެން ކަމަށެވެ

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދ. އަތޮޅަށް އޮތް ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަވަސް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ދ. އަތޮޅުގައި ސިއްހީ މަރުކަޒެއްގެ ޚިދުމަތް ދެވޭތާ 50 އަހަރު ވީއިރު މި މަރުކަޒު ބިނާ ކުރެވިގެން ދިޔައީ 21 ޖުލައި 1969 ގައެވެ. އެއީ ރާއްޖޭގައި ހަތަރުވަނައަށް ބިނާކުރި ސިއްހީ މަރުކަޒެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚާއްޞަ އެންގުމެއް

    އިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...