އުތުރުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވުމާ ގުޅިގެން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން 12:00 އާ ހަމައަށް ހދ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ. އެ އިދާރާއިން ބުނީ އެ މުއްދަތުގެ ތޭރަގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް އެ އިދާރާއިން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިރާއި އިރުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު