"ވާނުވާ ބަންދު"ގައި ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ މީހުންގެ ބަންދު އަމުރު ކޮންމެ މަހަކު އެއް ފަހަރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުރާޖައާ ކުރަންޖެހޭ ގޮތަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކަނޑައަޅުއްވައިފިއެވެ.

ޖިނާއީ މައްސަލަތަކުގައި އަމަލުކުރަންޖެހޭ މައިގަނޑު ސިޔާސަތަށް ބަންޑާރަ ނައިބު މިގޮތަށް އިސްލާހު ގެންނެވި އިރު އެކި މައްސަލަތަކުގައި ހުކުމަކާ ނުލައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ގިނަ އަދަދެއްގެ މީހުން ބަންދުގައި އެބަތިއްބެވެ. މިކަމުގެ ޝަކުވާ އަކީ ގިނަ ބަޔަކު ކުރާ ބޮޑު ޝަކުވާއެކެވެ.

މިއަދު ގެންނެވި އިސްލާހު އޮތްގޮތުން، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ އެންމެންގެ ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ޕީޖީ މުރާޖައާ ކުރަން ޖެހޭނެ އެވެ.އަދި އެގޮތަށް މުރާޖައާ ކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުޖެހޭ މީހުންގެ ބަންދު އަމުރު ބާތިލްކޮށް، އެ މީހުން ދޫކޮށްލުމަށް އެދި ޕީޖީގެ ފަރާތުން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ސިޔާސަތަށް ގެނައި އިސްލާހުގައި ވެ އެވެ.

މީގެ އިތުރުން، އެކަމަށް ކުރާ މަސައްކަތުގެ ތަފްސީލު ބަޔާންކޮށް، ޚާއްސަ ރިޕޯޓެއް ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ޕީޖީ ހުށަހަޅަން ޖެހޭ ގޮތަށް ވެސް އެ ސިޔާސަތުގައި މިހާރު ހިމަނާފައިވެ އެވެ.