އައްޑޫ ސިޓިއަށް މަސްތުވާތަކެތި އެތެރެ ކުރި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

18 އަހަރުން ދަށުގެ އެކުއްޖާ ހައްޔަރު ކުރީ ސ. ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ އެޕްރިލް 7 ވަނަ ދުވަހުގެ ދަންވަރުގެ 1:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަކީ ގަމަށް ދަތުރުކުރާ ފްލައިޓަކުން، އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ ކުއްޖާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެ ކުއްޖާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.