#ބޭންއެމްޑީއެން ބޭނުންކޮށްގެން މީސްމީޑިއާ ތެރޭގައި ރައްޔިތުން ބޭނުންކުރަމުންދާ ހޭޝްޓެގަކީ ޤައުމީ ޝިޢާރެއް ކަމަށް ރައީސް ޔާމީން ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް، އެމްޑީއެންގެ ފަރާތުން 'ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް' ގެ ނަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ރިޕޯޓު ކުށްވެރިކޮށް ޝުޢޫރު ފާޅުކުރުމުގެ ގޮތުން ދިވެހިން މީސްމީޑިއާގައި އެންމެ ގިނައިން ބޭނުންކުރަމުންދާ ހޭޝްޓެގަކީ #ބޭންއެމްޑީއެން ހޭޝްޓެގެވެ. އެއީ އެމްޑީއެން އުވާލުމަށެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހޭޝްޓެގަކީ ޤައުމީ ޝިޢާރެއްގެ އިތުރުން، ދިވެހިންގެ ޝިޢާރެއް ކަމަށެވެ. އަދި އެއީ ދިވެހިންގެ ހިތުގެ ވިންދު ކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް ހަމަލާދޭން ފެށުމުން، އިސްލާމްދީނުގެ ދިފާޢުގައި މުޅި ޤައުމުގައި ގުގުމާލާފައިވާ ޝިޢާރެއް ގޮތަށް މުއިއްޒު އެ ޝިޢާރު ސިފަކުރިއެވެ. ޕީޕީއެމްގެ ނައިބު ރައީސެއްގެ ގޮތުގައި މިހާރު ހުންނަވާ މުއިއްޒު ވިދާޅުވާ ގޮތުން އެއީ ދިވެހިން ހާލުގެ ދުލުން، ގޮވަމުންދާ ގޮވުމެކެވެ.

ދިވެހިރާއްޖޭގެ ޓެރަރިޒަމް ޤާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތަކާއެކު މީސްމީޑިއާގެ ޒަރިއްޔާއިން ޙިޔާލުފާޅުކުރައްވާ ބޭފުޅުންވެސް މިހާރު ދެވަނަ ވިސްނުމަކަށް ދިޔުމަށް އޮތީ މަޖުބޫރު ވެފައެވެ. #ބޭންއެމްޑީއެން ދައުރުވަމުން ގޮސް ބައެއް މީހުންނަށް މީސްމީޑިއާގައި ލިޔެވޭ އެއްޗަކާ ގުޅިގެން ހައްޔަރުވެސް ކުރެވިފައިވެއެވެ. އެގޮތުން ދައުރުވަމުންދިޔަ ޓުވީޓަކަށް އެއްޗެއް އިތުރުކޮށްލަން ޒުވާނަކު ލިޔުނު އެއްޗެއްގެ ސަބަބުން ފުވައްމުލަކުން ވަނީ 19 އަހަރުގެ ޒުވާނަކު އިއްޔެ ހައްޔަރުކޮށްފައެވެ. އަދި އޭގެ ކުރިން ނިރުބަވެރި ކަމުގެ ތުހުމަތުގައިވެސް އިތުރު ޒުވާނަކު ހައްޔަރުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑީއެން އުވާލައި، އެ ޖަމިއްޔާގެ އިސްލާމްދީނާ ޙިލާފު ރިޕޯޓު ލިޔުމަށް ޙަރަކާތްތެރިވި މީހުން ހައްޔަރުކޮށް، އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލާ އަދިވެސް މެދުކެނޑުމެއްނެތި ގިނަ އަދަދެއްގެ ބަޔަކު ދަނީ ގޮވާލަމުންނެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އެ ޖަމިއްޔާ އާ ދެކޮޅަށް މުޒާހަރާތައްވެސް ކުރެވެމުން އެބަގެންދެއެވެ.