ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން

ރިޔާސީ އިންތިޚާބާއި ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކާއެކު ވަކިވަކިން ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއާކު ބާއްވަން ތާވަލުކޮށްފައިވާ ފުރަތަމަ ބައްދަލުވުމަށް ޖޭޕީން ހާޒިރެއް ނުވިއެވެ.

ޖުމްހޫރީ ޕާޓީގެ އިސް ދެ ވެރިންނާއި، ޕާލިމަންޓަރީ ގްރޫޕްގެ 2 މެންބަރުންނާއެކު އިލެކްޝަންސް ކޮމިޝަނުގައި މިއަދު މެންދުރުފަހު 14:00 ގައި ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުމަށް ޖުމްހޫރީ ޕާޓީން ހާޒިރިވެފައިނުވާކަން "ވަގުތަށް" ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، އެއްވެސް ޕާޓީއަކުން މި ބައްދަލުވުންތަކަށް ވަޑައި ނުގަންނަވާނެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ނެތްކަމަށެވެ.

"މިއަދުގެ ބައްދަލުވުމަށް ޖުމްހޫރީ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެފައެއް ނުވޭ" އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމަށް ޖުމްހޫރީ ޕާޓީން ހާޒިރުވެފައި ނުވާއިރު، "އިދިކޮޅު ޕާޓީތަކުން އޮތީ ވަކިވަކިން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް ޖަހާހައި ބެރަކަށް ނަށައިދޭ ގޮތަށް ނޫންކަމަށް" އިދިކޮޅު ފަރާތްތަކުން އިއްޔެ ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީޖެނެރަލް އަޙްމަދު ސަމީރު ވަނީ ވިދާޅުވެފައެވެ.

އީސީން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަނީ، ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕީއެމް އިން ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތު ކޮށްފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކާއެކު ބައްދަލުކުރަނީ ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭގޮތުން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު އަދި ކުރިއަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ހިއްޞާ ކުރަން ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ސިލްސިލާ ބައްދަލުވުންތައް ފެށުމަށް ބާއްވާ ބައްދަލުވުންތައް ރޭވިފައިވާގޮތުން މިއަދު މެންދުރުފަހު 14:00 ގައި ޖުމްހޫރީ ޕާޓީއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހެނދުނު 09:30 ގައި އެމްޑީޕީ، މެންދުރުފަހު 14:00 ގައި އެމްޑީއޭ އާއި ބައްދަލުކުރާނެއެވެ. އަދި 2018 އެޕްރީލް 12 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:30 ގައި އަދާލަތު ޕާޓީ، 11:00 ގައި ޑީއާރުޕީ އާއި ބައްދަލުކުރާއިރު، މެންދުރުފަހު 14:00 ގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްއާއެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރުވެސް އިލެކްޝަންސް މޮމިޝަނުން ވަކި ވަކިން ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފައިވާއިރު، ރިޔާސީ އިންތިޚާބާއި ގުޅިގެން ބާއްވާ ސިލްސިލާ ބައްދަލުވުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއީ މާސިޔާސީ ކަމަށް ހެދިގެން އުޅޭ ހާދަ ތަނެއްދޮރެއްނުދަންނަ ގޮތް ކުޑަ ބައެކޭދޯ މިސޮރުމެން ކުޑަކޮށްވެސް ހަދާނަކު ނެތޭ 10،000 މީހުން ހަމަ ނުވާ ޕާޓީތައް އުވާލަން ނިންމި ހިނދު އެއިރު އޮތް ކޯލިޝަނެއްގެ ތެރެއިން ގިނަ މީހުންތަކެއް ޖޭޕީ އާއި ގުޅުނީ ޕާޓީ އުވާލުމަށް އެއިރު އޮތް ކޯލިޝަނުން ބޭނުން ނުވާތީ އެއަކީ ޖޭޕީ ވެގެން ތިބައިގަނޑު ރަޢިއްޔަތުންނަށް އިހުލާސްތެރިވެގެން ކުރިކަމެއްނޫން އެކަން މިހާރު ހަނދަންނެތީބާ؟

  2. އާއިދުރޫސް! މިތިއްބެވީ ކޮންބައެއްތޯ ޤާސިމުގެ އަރިހުގައި!؟ ޤާސިމުގެ މުދާ މަކަރުން ފެލާމީހުން ދޯ؟ ޤާސިމަކީ ދެއުޅިއެއްނުވާ ބޭކަލެއްކަން މިމީހުން ވަރަށް ދަންނާތީ ހަމަ ޗިޕް ޖަހައިގެން ޤާސިމު ހިންދާލަނީ! ޤާސިމު އެ ހުންނަވަނީ ހަމަ ހެދިފަ!